ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދިންއިރު ސިވިލް ސާވިސް މުއައްޒަފުންގެ ދިރިއުޅުމުގެ ހާލަތަށް ނުބަލައި ޕޮއިންޓް ދީފައިވަތީ، އެ ކެޓެގަރީއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީން ލަފާދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައިމީ ތަރައްގީއާއި ތަރިކަ ކޮމިޓީއިން އެކުލަވާލާފައިވާ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔަ ފްލެޓްތައް ދިނުމާއި ގުޅޭ ދިރާސާއަށްފަހު އެކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނީ އެހެން ކެޓަގަރީތަކުގައި ވެސް ދިރިއުޅުމުގެ ހާލަތު ވަޒަންކުރި މިންގަނޑުން ސިވިލް ސާވިސްގެ މުއައްޒަފުންގެ ކެޓެގަރީއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް ޕޮއިންޓް ދެވޭނެ އުސޫލެއް ކަނޑައަޅައި، އެ ކެޓަގަރީއަށް ފޯމް ހުށައަޅާފައިވާ ފަރާތްތަކުގެ ފޯމްތައް އަލުން ވަޒަންކުރަން ލަފާދޭ ކަމަށެވެ.
ސިވިލް ސާވިސް ކެޓަގަރީއަށް 1،000 ފްލެޓް ކަނޑައެޅިއިރު އެ ކެޓަގަރީން ފްލެޓް ދިނުމުގައި ބަލާފައިވަނީ މުއައްޒަފުން ވަޒީފާ އަދާކުރި މުއްދަތާއި ކޮލިފިކޭޝަން ފަދަ ކަން ކަމަށް ކަމަށެވެ. އަދި އެ ކެޓަގަރީން ފްލެޓް ދޫކޮށްފައިވަނީ މެނޭޖިއަރަލް ލެވެލާއި އިދާރީ އަދި ސްޕޯޓް ސާވިސް ލެވެލްއަށް ވަކިންނެވެ.
ކޮމިޓީގެ ރިޕޯޓުގައި ބުނީ އެހެން ކެޓެގަރީތަކާ ހިލާފަށް ސިވިލް ސާވިސް ކެޓެގަރީއަށް ފޯމް ހުށަހަޅާފައިވާ ފަރާތްތައް އިޖްތިމާއީ ގެދޮރުވެރިކަމަށް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވަނީ ދިރިއުޅުމުގެ ހާލަތު ވަޒަން ނުކޮށް ކަމަށެވެ. އަދި އެހެންކަމުން، މިކެޓަގަރީން ފްލެޓް ލިބިފައިވާ ފަރާތަކުގެ ތެރޭގައި އެހެން ކެޓަގަރީތަކަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އިޖްތިމާއީ ގެދޮރުވެރިކަން ހައްގުވާ، އެހެން ނަމަވެސް ފްލެޓް ލިބިފައިނުވާ ފަރާތްތަކަށްވުރެ ދިރުއުޅުމުގެ ހާލަތު ރަނގަޅު މީހުން ހިމެނިފައިވާނެކަން ދިރާސާއިން ފާހަގަވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
އެހެންކަމުން، އެހެން ކެޓަގަރީއެކޭ ވެސް އެއްގޮތަށް ސިވިލް ސާވިސް ކެޓަގަރީއަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ވަޒަންކުރާނެ އުސޫލެއް ކަނޑައަޅާ، ފޯމްތައް އަލުން މުރާޖައާކުރުމަށް ކޮމިޓީން ވަނީ ލަފާދީފަ އެވެ.