އޭނާ ސައިކަލް ލައިސަންސް ނަގައިގެން މާލޭގެ މަގުތަކުގައި ފުރަތަމަ ސައިކަލް ދުއްވަން ފެށުމުން މީހުންގެ ފުރައްސާރައާ ކުރިމަތިލާން ޖެހުނު. އެއީ އެ ދުވަސްވަރަކީ އަންހެނުން ސައިކަލް ދުއްވުން އާކަމަކަށް ވެފައިވާތީ. ނަމަވެސް އެކަމަކީ ވަރަށް މުހިންމު އަދި ނުހަނު ބޭނުންތެރިކަމެއް ކަމުގައި އޭނާއަށް ފެނުނު. އެކަމުން ލިބޭ ލުއިތަކާއި ފަސޭހަތައް އޭނާ ފަދަ އެހެން އަންހެނުންނަށް ވެސް ހޯދަދޭން ބޭނުންވާތީ ސައިކަލް ދުއްވަން ދަސްކޮށްދޭ އެކަޑެމީއަކާ ގުޅިގެން އެކަން ކުރަން ފެށި. މިއަދު އޭނާއަކީ އެ މަސައްކަތުގައި ވަރަށް ތަޖުރިބާކާރު، މީހުންގެ އިތުބާރު ލިބިފައިވާ ކުޅަދާނަ އިންސްޓްރަކްޓަރެއް.

ބައިބޯމާލޭގެ މަގުތަކުގައި ސައިކަލް ފަދަ އެއްގަމު އުޅަނދެއް ދުއްވަން ދަސްކޮށްދިނުމަކީ "ރިސްކީ" ކަމެކެވެ. ޚާއްސަކޮށް އަނހެނަކަށްވެ ހުރެ އެފަދަ ބުރަ، އަދި ނުރައްކާ މަސައްކަތެއް ކުރެވޭނީ ވަރަށް ޖެހިލުން ކުޑަވެގެންނެވެ. އޭނާ ފާހަގަ ކުރެވިފައި ވަނީ ސައިކަލް ދުއްވަން ދަސްކޮށްދިނުމުގައި ކެތްތެރި، މަޑުމައިތިރި، ޖެހިލުންކުޑަ ޓްރެއިނާއެއްގެ ގޮތުގަ އެވެ. ތަކުރާރުކޮށް ކިޔައިދޭން ޖެހުނަސް އެއްވެސް ފޫހިކަމެއް ރުޅިއައުމެއް ނެތެވެ. ދެނީ އިތުރު ހިތްވަރެކެވެ.

ހެންވޭރު ފްރީވިޑް، މަރިޔަމް ނަޒްރާނާ (މަރީ) ޑްރައިވިން އިންސްޓްރަކްޓަރަކަށްވުމަކީ ވަރަށް ކުޑައިރުވެސް ހުންނަ ޝައުގުވެރިކަމެކެވެ. އަމީނިއްޔާ ސްކޫލުންނާއި ކުރީގެ އެމްއީއެސްއިން މަދަރުސީ ހަޔާތް ފުރިހަމަކުރި މަރީ މީހުންނަށް ސައިކަލް ދުއްވަން ދަސްކޮށްދޭން ނުކުތީ އެކަމުގެ މުހިންމުކަން އޭނާއަށް ވިސްނި، ބޭނުންތެރިކަމެއް މީހުންނަށް ދަސްކޮށްދިނުމުގެ ބޭނުމުގަ އެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް ފަރިތަކޮށް ބައިސްކަލް ދުއްވާ މަރީ ބުނިގޮތުގައި ސައިކަލް ދުއްވަން ދަސްކޮށްދެވުމުން ވަރަށް އުފާވެ އެވެ.

ބައިސްކަލްގައި ފޮޓޯއަކަށް ހުއްޓިލައިގެން: ބައިސްކަލް ދުއްވުމަކީ ވަރަށް ކުރާހިތްވާ ކަމެއް

މާލޭގައި އަންހެނުން ސައިކަލް ދުއްވުން އާންމުނޫން ދުވަސްވަރުގައި، އޭނާ ވަނީ އުމުރުން އެންމެ 23 އަހަރުގައި ސައިކަލް ލައިސަންސް ނަގައި މާލޭގެ މަގުތަކުގައި ވަރަށް ކެރިގެން ސައިކަލު ދުއްވައިފަ އެވެ. އޭގެ ސަބަބުން ތަންތަނަށް ދިއުމުގައި އެތައް ލުޔަކާއި ގިނަ ފަސޭހައެއް ލިބިގެން ދިޔަކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ލައިސަންސް ނެގިއިރު އިނގިލިން ގުނާލެވޭނެ މާލޭގައި ސައިކަލް ދުއްވާ އަންހެނުން. އެހާވެސް މަދުވާނެ. އޭރު އެކަމަކީ މީހުން އެހާ ބަލައިގަންނަ ކަމެއް ނޫން،" ރަސްމީގަޑީގައި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް)ގައި މަސައްކަތްކުރާ މަރީ ބުންޏެވެ.

މަގުތަކުގައި ސައިކަލް ދުއްވާތަން ފެނި ބައެއް މީހުން މަގުމަތިން އޭނާގެ ސައިކަލަށް ހުރަސްއަޅައި، ބިރުގަންނަވައި، އުނދަގޫކޮށް ހެދިކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ނަމަވެސް އެ ކަމަކަށް އޭނާ ފަރުވާލެއް ނުބަހައްޓައި ސައިކަލް ދުއްވަން ދަސްވުމުން އޭނާއަށް ލިބުނު ލުއިފަސޭހަކަން އެހެން މީހުނަށް ވެސް ފޯރުކޮށްދޭން ބޭނުންވި އެވެ. ލަހެއް ފަހެއްނެތި އެހެން މީހުނަށް ދުއްވަން ދަސްކޮށްދޭން އަރުވާޖަހައިލި އެވެ.

މަރީ ފޮޓޯއަކަށް ހުއްޓިލައިގެން: ސައިކަލް ދުއްވަން ދަސްކޮށްދިނުމަކީ އޭނާ ވަރަށް ހިތްހަމަޖެހޭ ކަމެއް

ޑްރައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި ސިޓީ ޑްރައިވިން އެކެޑަމީއާ ގުޅުމުން ވަރަށް ގިނަ އަދަދެއްގެ މީހުން އޭނާ ކައިރިއަށް ސައިކަލް ދުއްވަން ދަސްކުރަން އަންނަން ނަންނޯޓް ކުރަން ފެށި އެވެ. އޭރު ސައިކަލް ދުއްވަން ދަސްކޮށްދިނުމުގެ މަސައްކަތްކުރީ އެކަމަށް ސަރުކާރުން ޚާއްސަކޮށްފައިވާ ކާނިވާ ސަރަހައްދުގަ އެވެ. ދުވާލުގެ ހުރިހާ ވަގުތެއްގަ އެވެ. ރަތްދަކާ އަވީގައި ވެސް މެ އެވެ.

"ކާނިވާ ސަރަހައްދަކީ ވަރަށް ރައްކާތެރި ތަނެއް. އެތަނަށް އެހެން މީހުނެއް ނާންނާނެ. ދަސްކޮށްދޭއިރު އެނގޭ ނުރައްކަލެއް ނެތްކަން. ނަމަވެސް މިހާރު އެއާ ޚިލާފަށް ދަސްކޮށްދޭން މިޖެހެނީ ހަނިގޯޅިތަކުގައި. ނުވަތަ ޓެސްޓް ސަރަހައްދުގައި. އެތަނަކީ ހުރިހާ ވައްތަރެއްގެ ވެހިކަލްތަކެއް ދުއްވަން ދަސްކުރާ ތަނެއް،" އެތައް ބަޔަކަށް ސައިކަލް ލައިސަންސް ނަގައިދިނުމަށް އެހީތެރިވެފައިވާ މަރީ ބުންޏެވެ.

ޓްރެއިނިންގްގައި: ދަސްކޮށްދޭއިރު އެންމެ އިސްކަމެއްދެނީ ކުދިންގެ ރައްކާތެރިކަމަށް

ސައިކަލްދުއްވަން ދަސްކޮށްދޭއިރު އޭނާ އެންމެ އިސްކަމެއްދެނީ ދަރިވަރުގެ ރައްކާތެރި ކަމަށެވެ. އެ މަސައްކަތުގައި އުޅުމުގެ ތެރޭގައި އޭނާއަށް ހާނިކަވެފައި ވެސް ވެ އެވެ. އެ ހާދިސާ ހިނގިގޮތް ހިއްސާކޮށްލި އެވެ.

"ވިއްސާރަ ދުވަހެއްގައި ދުއްވަން އިން ކުއްޖާގެ މޫނުމައްޗަށް އެއްޗެހިތަކެއް އެޅިގެން އޭނައަށް ސްޕީޑް ނެގުނީ. އެ ދުވަހު އަޅުގަނޑަށް އަނިޔާވި. އެހެން ނަމަވެސް އެކުއްޖާ ސަލާމަތް ކުރިން. އެނޫނިއްޔާ އެފަދަ އެއްވެސް ކަމެއް ދިމައެއް ނުވޭ،" އިންސްޓްރަކްޓަރެއްގެ ގޮތުގައި 15 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވާ މަރީ ބުންޏެވެ.

ޓްރެއިނިންގައި: އަލަށް މަގުމަތީގައި ސައިކަލް ދުއްވި އިރު ބައެއް މީހުން އުނދަގޫކުރި

މަރީ ބުނިގޮތުގައި ދަސްކޮށްދިނުމަކީ ނުރައްކާ އެކުލެވޭ ކަމެއް ނޫނެވެ. ނުރައްކާ ވަނީ ޑްރައިވިން ދަސްކޮށްދިނުމަށް ވަކި ހުސް ޖާގައެއް ލިބިފައި ނުވާތީ އެވެ. ޚާއްސަކޮށް އެތައް ޑްރައިވިން ސްކޫލެއް ރަޖިސްޓްރިކޮށްގެން ހިންގާއިރު ދަސްކޮށްދިނުމަށް ހުސްޖާގައެއް ނެތުމަކީ މަސައްކަތުގައި އޮތް ވަރަށް ބޮޑު ދަތިކަމެކެވެ.

ނުރައްކާ ވަނީ ދުއްވާ އެއްޗެހި ގިނަ މަގުތަކުގައި ދަސްކޮށްދޭން ޖެހޭތީ އެވެ. ނަމަވެސް މިހުރިހާ ކަމެއް ހުރިއިރު ވެސް އޭނަގެ މަސައްކަތުގައި ފަސްޖެހުމެއް ނެތެވެ. އޭނާއަކީ ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ގާބިލް އިންސްޓްރަކްޓަރެކެވެ. މިއަދު މުޅިން އަލަށް ދަސްކުރަން އަންނަ ކުއްޖެއްގެ ފަހަތުގައި ވެސް ދަސްކޮށްދޭން އިންނާކަށް އޭނާ ކުޑަކޮށް ވެސް ޖެހިލުމެއް ނުވެ އެވެ.

ޓްރެއިނިންގައި: ގިނަ އަދަދެއްގެ މީހުންނަށް ސައިކަލް ލައިސަންސް ނަގައިދީފައިވޭ

"އެ މަސައްކަތަކީ ވަރަށް ސްޓްރެސް ފިލާ މަސައްކަތެއް، ވަރަށް ގިނަ މީހުންގެ ލޯބި ލިބޭ. ވަރަށް ގިނަ ރައްޓެހިން ލިބޭ. މިހާރު ވެސް ދަސްކޮށްދީފައި ތިބޭ ބައެއް ކުދިން ގުޅާނެ ކޮފީއަކަށް ދާން ހިނގާށޭ ކިޔާފައި. އަދި އެހެން ކުއްޖަކު އެއް ދުވަހަކު ބުނި މިފުރޮޅު، އެނބުރޭހާ ދުވަހަކު މަރީގެ މަތިން ހަނދާން ވާނެއޭ. އެފަދަ ބަސްތަކުން ވަރަށް އުފާލިބޭ،" މަރީ ބުންޏެވެ.

އޭނާ އެ މަސައްކަތުގައި ކުރިއަށް ދިއުމަށް އެންމެ ހިތްވަރުދީ އެކަމަށް ނެރުނީ އޭނާގެ ކުރީގެ ފިރިމީހާ ހުސެން އަލީ ކަމަށާއި އެކަމަށްޓަކައި މިއަދުވެސް މަރީގެ ހިތުގެ އެންމެ ފުންމިނުން ހުސެންއަށް ޝުކުރު އަދާކުރެ އެވެ. އޭގެ އިތުރުން މިއަދު އޭނާއަށް އެހީތެރިވެ ބޮޑު އެއްބާރުލުމެއްދޭ ފަރާތްތަކެއްގެ ގޮތުގައި އޭނާގެ ކޮއްކޮ އިބްރާހިމް ވަހީދު، ދައްތަ އާއިޝަތު ޝިރުމީނާ އަދި އޭނޭގެ އުފަން ދަރިން ފާހަގަކުރެ އެވެ.

މަރީ އަންހެން ދަރިފުޅާއެކު: އާއިލާގެ ބޮޑު އެހީތެރި ކަމަކާއި އެއްބާރުލުމެއް ލިބޭ

ވެހިކަލެއް ދުވަން އިނގުމަކީ ވަރަށްބޮޑު މިނިވަންކަމެއް ލިބިފައިވާކަމުގެ އިހުސާސެއް ކުރެވޭ ކަމެކެވެ. އެއަށް އަރައި ދުއްވަމުންދާއިރު އަބަދުވެސް ކަންފަތުގައި ހަރުލާފައި ހުންނަ އެއް އަޑެއްކަމުގައި ހަމަގައިމު ވެސް ވާނީ ދުއްވަން ދަސްކޮށްދިން އިންސްޓްރަކްޓަރު ކިޔައިދީފައި ހުރި ވާހަކަތަކެވެ. މަގުމަތީގެ ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް ބަލައިގެން އަމިއްލަ ރައްކާތެރިކަން ކަށަވަރުކުރުމަށް ކެނޑިނޭޅި ދީފައިވާ އިރުޝާދުތަކެވެ.