ރީނދޫއަކީ އިނގުރުގެ އާއިލާއަށް ނިސްބަތްވާ ގަހެއްގެ މޫ ނަގައިގެން އުފައްދާ ހަވާދުގެ ބާވަތެކެވެ. ރިނދޫ ހެދުމަށްޓަކައި ގަހުގެ މޫގަނޑު ނެގުމަށްފަހު ގަދަހޫނުގައި އެމޫތައް ހިއްކާލެވެ އެވެ. އެއަށްފަހު މުގުރައި، ހިމުންކޮށްލެވެ އެވެ. ހިމުންކޮށްފައިވާ ރީނދޫއަކީ ކެއްކުމުގައި ބޭނުންކުރުމަށް އެންމެ ފަސޭހައިން ލިބެން ހުންނަ ގޮތެވެ. އެހެންނަމަވެސް ތާޒާ ރީނދޫ ވެސް ގާނައިގެން ކެއްކުމުގައި ބޭނުންކޮށް އުޅެ އެވެ. ކެއްކުމުގެ އިތުރަށް ރީތިވުމަށާއި ބޭސްފަރުވާއަށް މުގުރާފައިވާ ރީނދޫ ބޭނުންކުރެވެ އެވެ. ރީނދޫގައި ގިނަ އަދަދަކަށް ކެންސަރުން ރައްކާތެރިކޮށްދޭ އެންޓި އޮކްސިޑެންޓްސް އަދި ދުޅަ ތިރިކުރުމަށް އެހީވެދޭ މާއްދާއެއް ކަމަށްވާ "ކާކަމިން" ހިމެނެ އެވެ.
ރީނދޫގައި ހިމެނޭ ސިއްހީ ފައިދާތަކުގެ ތެރޭގައި ހަށިގަނޑު ފިނިކޮށްދިނުމާއި، ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުން ހިމެނެ އެވެ. ރީނދޫގައި ކެންސަރުން ދިފާއުކޮށްދޭ މާއްދާ ހުންނަ ކަމަށް ހޯދުންތަކުން ޔަގީންކުރެވުމުން ދުނިޔޭގެ އެތައް ގައުމެއްގައި ރީނދޫ އަޅައިގެން ގޯލްޑަން ލާތޭ އަދި ގޯލްޑަން މިލްކް ތައްޔަރުކުރެވެން ފެށި އެވެ.
ރީނދޫ ގިނައިން ކެއްކުމުން ފައިދާކުރާ މާއްދާ ގެއްލޭ
ރީނދޫ މާގިނައިރު ކެއްކުމުން ކާކަމިން ހަލާކުވެގެންދާ ކަމަށް ވަނީ ހޯދިފަ އެވެ. ކަމާބެހޭ މާހިރުން ވިދާޅުވާގޮތުގައި ރީނދޫގެ ފައިދާ ހަށިގަނޑަށް ރަނގަޅަށް ނަގައިދިނުމަށްޓަކައި ފަހެއް ނުވަތަ ދިހަ ވަރަކަށް މިނެޓް ކައްކާލަންވާނެ އެވެ. އެއީ ކެންސަރުން ދިފާއުކޮށްދޭ އެންޓި އޮކްސިޑެންޓްސް ހަށިގަނޑަށް ހޯދައިދިނުމަށްޓަކައި މުގާއި އެހެނިހެން ރިހަތަކަށް ވެސް ރީނދޫ އެއްކުރުށެވެ. ރީނދޫ ހޫނުކުރާ ވަގުތު މަދުކުރުމަށްޓަކައި ރިހަ ކެކެން ކައިރިވެފައި ވަނިކޮށް ރީނދޫ އެއްކުރުމެވެ.
ވީމާ ރީނދޫ ހިމަނާފައިވާ ކާތަކެތި ގިނައިރު ނުކެއްކުމަށް ސަމާލުވާން ވާނެ އެވެ. ކާކަމިންގެ ފުރިހަމަ ފައިދާ ލިބިގަތުމަށްޓަކައި އަސޭމިރުހާއި ރީނދޫ އެއްކުރުމުން ވެސް އެ މާއްދާ ހަށިގަނޑަށް ނަގައިގަންނަށް ފަސޭހަވާކަމަށް ހޯދިފައިވެ އެވެ. ވީމާ ރީނދޫ ބޭނުންކުރާއިރު ކުޑަ އަސޭމިރުސްކޮޅެއް ވެސް އެއްކޮއްލާށެވެ.
ރީނދޫއަކީ ކެއްކުމުގައި ރީތިކުލަ ގެނެސްދިނުމުގެ އިތުރުން ރަހަމީރުކޮށްދޭ ހަވާދުގެ ބާވަތެކެވެ. ރީނދޫއަކީ ހަޖަމުގެ މަސައްކަތަށް ވެސް ވަރަށް މުހިންމު އެއްޗެކެވެ. ރީނދުލަކީ ފަސޭހައިން ކުލަޖެހޭ އެއްޗެއްކަމުގައި ވުމުން ރީނދޫގައި އަތްލުމުގެ ކުރިން އަނގިއެއް ލެއްވުން މުހިންމެވެ