ތިން ސަތޭކައަށް ވުރެ ޓޫރިސްޓުންނާއެކު ސްރީލަންކާގެ ކްރޫޒްލައިނާއެއް ދެވަނަ ފަހަރަށް ރާއްޖެ އަތުވެއްޖެ އެވެ.
"އެމްއެސް ކްރިސްޓަލް ސިންފޮނީ" ކްރޫޒްލައިނާ ރާއްޖެ އައީ އިއްޔެ އެވެ. ކޮލޮމްބޯއިން އައި މި ކްރޫޒްލައިނުން 307 ޓޫރިސްޓުންނާއި 477 ކްރޫ މެންބަރުން އައިސްފައިވެ އެވެ.
މިއީ "އެމްއެސް ކްރިސްޓަލް ސިންފޮނީ" މިއަހަރު ރާއްޖެއަށް އައި ދެވަނަ ފަހަރެވެ. އެންމެ ފަހުން މި ކްރޫޒް ލައިނާ ރާއްޖެ އައީ މިދިޔަ ޖެނުއަރީ މަހުގެ 10ވަނަ ދުވަހު އެވެ. އެ ފަހަރު 216 ޓޫރިސްޓުންނާއި 416 ކްރޫ މެންބަރުން އައިސްފައިވެ އެވެ.
މީގެ އިތުރުން މިއީ މިމަހުގެ ތެރޭގައި ރާއްޖެއަށް އައި ތިންވަނަ ކްރޫޒްލައިނެވެ. އެގޮތުން މިމަހުގެ 8 ވަނަ ދުވަހު ސީޝެލްސްއިން "އެމްއެސް އިންސިގްނިއާ" ނަމަކަށް ކިޔާ ކްރޫޒްލައިނަކުން ރާއްޖެއަށް 576 ޓޫރިސްޓުންނާއި 406 ކްރޫ މެންބަރުން އައިސްފައިވެ އެވެ.[
މީގެ އިތުރުން މިމަހުގެ ނުވަވަނަ ދުވަހު "އެމްއެސް ޒުއިޑަޑަމް" ކިޔާ ކްރޫޒްލައިނަކުން ރާއްޖެއަށް 1،274 ޓޫރިސްޓުންނާއި 751 ކްރޫ މެންބަރުން އައިސްފައިވެ އެވެ. އެމްއެސް ޒުއިޑަޑަމްއަކީ ވެސް ކޮލޮމްބޯއިން އައި ކްރޫޒްލައިނެކެވެ.
ކްރޫޒް ލައިނާތަކުގައި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން ވެސް މިހާރު ޓީޖީއެސްޓީ ނަގާތީ ކްރޫޒް ލައިނާގައި ރާއްޖެ އައުމުގެ އަގު ބޮޑުވެ، ކްރޫޒްތައް ރާއްޖެ އައުން ހުއްޓާލުމުން، ޓޫރިޒަމް މިނިސްޓްރީން އެ ގަވައިދު މިދިޔަ އަހަރު ފަހުކޮޅު ބަދަލުކޮށްފައިވެ އެވެ.
އެ ގަވައިދު ބަދަލުކުރުމުން ރާއްޖެއަށް ފުރަތަމަ އައީ އިޓަލީއަށް ނިސްބަތްވާ ކްރޫޒް ޝިޕެއް ކަމަށްވާ އޭއައިޑީއޭ އެވެ.