ދެކުނު ކޮރެއާގެ ތާރީހުގައި ފެތުރެމުންދާ އެންމެ ނުރައްކާތެރި އަލިފާންގަނޑުގައި 18 މީހުން މަރުވެއްޖެ އެވެ.
ދެކުނު ކޮރެއާގެ އިރުމަތީ ދެކުނު ސަރަޙައްދުގައި ފެތުރެމުންދާ އަލިފާނުގެ ސަބަބުން މިހާތަނަށް މަދުވެގެން 18 މީހުން މަރުވެ، 19 މީހުންނަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފަ އެވެ.
ޖަންގަލީގައި ރޯވެ މީހުން އުޅޭ ސަރަހައްދުތަކަށް އަލިފާނުގެ އަސަރުކޮށް، 23،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދަށް ބަދަލުކޮށްފަ އެވެ. މީގެ އިތުރުން އެ ގައުމުގެ ގިނަ ސަގާފީ ތަރިކަތަކަށް ވެސް ގެއްލުންވެފައި ވެ އެވެ.
އޮތޯރިޓީތަކުން ބުނާ ގޮތުގައި، ބުދަ ދުވަހު މެންދުރުފަހު އުއިސޯންގ ކައުންޓީގެ ފަރުބަދަތަކުގައި އަލިފާން ނިއްވުމަށް ހަރަކާތްތެރިވި ހެލިކޮޕްޓަރެއް ވަނީ ވެއްޓިފަ އެވެ. މި ހާދިސާ ހިނގި ސަބަބު ދަނީ ތަހުގީގު ކުރަމުންނެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި އެތައްހާސް ފަޔާފައިޓަރުންނާއި 5،000 އަށްވުރެ ގިނަ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ކޮރެއާގައި ހުންނަ އެމެރިކާގެ މިލިޓަރީގެ ހެލިކޮޕްޓަރުތައްވެސް ވަނީ ބޭނުންކުރަން ފަށައިފަ އެވެ.
ދެކުނު ކޮރެއާގައި މިފަދަ އަލިފާން ފެތުރުމުގެ ހާދިސާތައް ދިމާވަނީ މަދުންނެވެ. އަދި މިފަދަ ހާދިސާތަކުގައި މީހުން މަރުވުމަކީވެސް ވަރަށް މަދުން ހިނގާ ކަމެކެވެ. މިހާރު ފެތުރެމުންދާ އަލިފާންގަނޑުގައި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި 18 މީހުން މަރުވެފައިވާތީ، މިއީ މިހާތަނަށް އެ ޤައުމުގެ ތާރީޚުގައި މިފަދަ ހާދިސާއެއްގައި އެންމެ ގިނަ މީހުން މަރުވި ހާދިސާއެ ވެ.
މީގެ އިތުރުން، 17،000 ހެކްޓަރުގެ ސަރަޙައްދެއް ވަނީ ހަލާކުވެފަ އެވެ.
ދެކުނު ކޮރެއާއަށް މިހާރު އާންމުކޮށް ވެހޭ މިންވަރަށްވުރެ މަދުން ވާރޭވެހުމުގެ ސަބަބުން ހޫނުގަދަވެ ވަނީ ހަނަފަސްވާންފަށާފަ އެވެ. މިއަހަރު މިހާތަނަށް 244 އަލިފާން ފެތުރުމުގެ ހާދިސާ ވަނީ ހިނގާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.4 ގުނަ އިތުރު އަދަދެކެވެ.
އަލިފާން ފުރަތަމަ ފެތުރެންފެށީ ހުކުރު ދުވަހު، އެ ޤައުމުގެ އިރުމަތީ ދެކުނު ސަރަޙައްދުގައި އޮންނަ ސަންޗިއޯންގ ކައުންޓީގައެވެ. ނަމަވެސް މިހާރު އަލިފާންގަނޑުވަނީ އަވައްޓެރި އިތުރު ފަސް ސިޓީއަކަށް ފެތުރިފަ އެވެ.