ފަންސަވީސް އަހަރަށްފަހު އަނެއްކާވެސް ފިލްމީ ދާއިރާއިން ރީކޯ މޫސާމަނިކް ފެނިގެންދާ ދިވެހި ފިލްމް "ކީއްވެ" މިރޭ ޕްރިމިއާ ކުރާނެ އެވެ.

ކާމިޔާބު ޕްރޮޑަކްޝަން ހައުސްތަކެއް ކަމަށްވާ، ސްލޭމް ސްޓޫޑިއޯ އާއި، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ސިނަމާތަކަށް ގެންނަން ތައްޔާރު ކުރާ ފިލްމު "ކީއްވެ؟" ގެ ކުރިޔަށް އޮތް ތިން ޝޯގެ ޓިކެޓްވެސް މިހާރުވަނީ ވިކި ހުސްވެފަ އެވެ.

ފިލްމުގެ ފުރަތަމަ ޓްރެއިލާ އޮކްޓޯބަރު 30 ގައި ލޯންޗްކޮށް ފިލްމުގެ ޓިކެޓް ވިއްކަން ފަށާފައިވަނީ 31 އޮކްޓޯބަރުގެ އެވެ.

އާއިލީ ގުޅުންތަކާއި ލޯބީގެ އުނދަގޫ އިހުސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގެ ވާހަކަ، ޓްރެއިލާގެ ޒަރީއާއިން ބެލުންތެރިންނަށް ކޮންމެވެސް ވަރަކަށް ސިފަކޮށްދީފައިވެ އެވެ.

މިފިލްމުގައި މޫސަގެ އިތުރުން މަޝްހޫރު ތަރި، ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ފެނިގެން ދާއިރު، މި ފިލްމުގައި ގެނެސްދެވިފައިވާ މި ވާހަކައަކީ އެހެން ދިވެހި ފިލްމް ތަކާއި ހިލާފަށް ދިރިއުޅުމުގެ މެދު އުމުރުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވާލެވިގެން ހަދާފައިވާ ފިލްމެކެވެ.

އަސްލަމް ރަޝީދު ޕްރޮޑިއުސްކުރާ ފިލްމަކީ 20 އަހަރުގެ މެދުކެނޑުމަކަށްފަހު ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފްގެ ވެސް އެނބުރި އައުމެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ތަޖުރިބާކާރު ޑައިރެކްޓަރު އީސާ ޝަރީފެވެ. އަދި އެގްޒެކްޓިވް ޑައިރެކްޓަރުންނަކީ ހުސެން ނޫރައްދީންއާއި އަލީ ޝާނިޒްގެ އިތުރުން ހުސެން މުނައްވަރު (ކިޑް) އެވެ.