ބެންކޮކް (މާޗް 29) - ދެކުނު އިރުމަތީ އޭޝިއާގެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ މިޔަންމާއަށް އިއްޔެ އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.

މިޔަންމާގައި މަރުވި މީހުންގެ އަދަދު 1،002 އަށް އަރާފައިވާ ކަމަށް އެގައުމުގެ އަސްކަރީ ސަރުކާރުން މިއަދު ބުނެފައި ވާއިރު، އިއްޔެ އެ އަދަދު އުޅުނީ 150 ގަ އެވެ.

މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމުމުގައި ގެއްލުނު މީހުން ހޯދުމަށް އެހީތެރިވުމަށް ބޭރުގެ ރެސްކިއު ޓީމުތައް މިހާރު ވަނީ މިޔަންމާއަށް ދަތުރުކުރަން ފަށައިފަ އެވެ.

އަވަށްޓެރި ތައިލޭންޑަށް ވެސް 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި އިމާރާތްތައް ހަލާކުވެ، ވެރިރަށް ބެންކޮކްގައި ހަދަމުން ދިޔަ އުސް އިމާރާތެއް ވެއްޓި، 30 މީހުން ކުނިތަކެއްގެ ތެރޭގައި ތާށިވެ، 49 މީހަކު ވަނީ ގެއްލިފަ އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވިސް (ޔޫއެސްޖީއެސް) ގެ ޕްރެޑިކްޓިވް މޮޑެލިން އިން އަންދާޒާކޮށްފައިވާ ގޮތުގައި މިޔަންމާގައި މަރުވި މީހުންގެ އަދަދު 10،000 އަށް ވުރެ މައްޗަށް އަރާނެ އެވެ. އަދި އެ ގައުމުގެ އަހަރީ އިގްތިސާދީ އުފެއްދުންތެރިކަމަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ބިންހެލުމުގެ ސަބަބުން މިޔަންމާގެ މަގުތަކަށާއި ބްރިޖާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޖުންޓާގެ އިސް ޖެނެރަލަކު އިއްޔެ ބުނެފައިވެ އެވެ. އަދި މި ބިންހެލުމާއެކު ބައިނަލްއަގުވާމީ އެހީއަށް ވެސް ވަނީ ގޮވާލައިފަ އެވެ.

މިއީ އަސްކަރީވެރިކަމެއް ކުރަމުން އަންނަ ގައުމުން ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.

މިޔަންމާގެ ވިޔަފާރީގެ ވެރިރަށް ޔަންގޫންއާ އެތައް ސަތޭކަ ކިލޯމީޓަރެއްގެ ދުރުގައި އޮންނަ މަންޑަލޭ އާއި ނެޕިޓޯ އަށް ޗައިނާގެ ރެސްކިއު ޓީމެއް ގޮސް ހަލާކުވެފައިވާ 1000 އެނދުގެ ހޮސްޕިޓަލެއްގެ ބައެއް ބައިތައް މަރާމާތުކުރަން ވަނީ ފަށައިފަ އެވެ.

އެ ގައުމުގެ އިންތިޚާބީ މަދަނީ ސަރުކާރެއް 2021 ވަނަ އަހަރުގެ އަސްކަރީ ބަޣާވާތަކުން ވައްޓާލުމާ ގުޅިގެން އުފެދުނު ދާޚިލީ ހަމަނުޖެހުމުގައި ހަލާކުވެފައިވާ މިޔަންމާއަށް ރަޝިޔާ، އިންޑިއާ، މެލޭޝިއާ އަދި ސިންގަޕޫރުން ދަނީ ރިލީފް ސާމާނާއި ސިފައިންގެ މަތިންދާބޯޓުތައް ފޮނުވަމުންނެވެ.

މިޔަންމާގެ އަސްކަރީ ވެރިޔާ މިން އަންގް ހަލައިންގް ހިމެނޭ ގޮތަށް އެ ގައުމުގެ އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އެމެރިކާއިން ވަނީ ޓެސްޓް ގުޅުމެއް ބޭއްވުމުގެ ގޮތުން ބައެއް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ