ހުކުރު ދުވަހު މިޔަންމާއަށް އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 1،600 އިން މައްޗަށް އަރައިފި އެވެ.
ވޭތުވެދިޔަ ސަތޭކަ އަހަރުގެ ތެރޭގައި ދެކުނު އޭޝިއާގެ ގައުމަކަށް އައި އެންމެ ބޮޑެތި ބިންހެލުންތަކުގެ ތެރެއިން އެއް ބިންހެލުމުގައި މިޔަންމާއަށް ވަނީ ބޮޑެތި ގެންލުންތަކެއް ލިބިފަ އެވެ. މި ބިންހެލުމުގެ ސަބަބުން އެއަރޕޯޓްތަކާއި، ފާލަންތަކާއި، މަގުތައް ހަލާކުވެފައިވެ އެވެ. ހަނގުރާމައާއި ހަމަނުޖެހުން ތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ގެދޮރު ދޫކޮށް ގޮސް އިގްތިސޯދީ ގޮތުން ނާޒުކު ފައްތަރެއްގައިވާ މިއަންމާއަށް މި ކާރިސާގައި ވަނީ ގެއްލުން އިތުރަށް ބޮޑުވެފަ އެވެ.
މިޔަންމާގެ ސަރުކާރުން ހޮނިހިރު ދުވަހު ބުނެފައިވަނީ މަރުވި މީހުންގެ އަދަދު 1،644 އަށް އަރާފައިވާ ކަމަށެވެ.
މި ބިންހެލުމުގައި މިޔަންމާއާ އަވަށްޓެރި ގައުމު ތައިލެންޑަށްވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތައް ހަލާކުވެ، ވެރިރަށް ބެންކޮކްގައި އިމާރާތްކުރަމުންދިޔަ އުސް އިމާރާތެއް ވެއްޓި، 9 މީހުން ވަނީ މަރުވެފައި އެވެ.
މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ މަންޑަލޭގައި، ދިރިއުޅޭ މީހުން ހުކުރު ދުވަހު އަތުން ކޮނެގެން ތަނބުތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރަން މަސައްކަތް ކުރާ މަންޒަރުވެސް ވަނީ ފެނިގެން ގޮސްފަ އެވެ.
ބެންކޮކްގައި، 33 ބުރީގެ އިމާރާތް ވެއްޓުނު ތަނުގައި ވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. އެ އިމާރާތުގެ ދަށުގައި 47 މީހުން ތާށިވި އެވެ. މީގެ ތެރޭގައި މިޔަންމާގެ މަސައްކަތްތެރިންވެސް ހިމެނެ އެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަރވިސްއިން ލަފާކުރާ މޮޑެލްގައި އަންދާޒާކޮށްފައިވަނީ މިޔަންމާގައި މަރުގެ އަދަދު 10،000 އަށްވުރެ އިތުރުވެދާނެ ކަމަށާއި، ގެއްލުންތައް ގައުމުގެ އަހަރީ އިގްތިސާދީ އުފެއްދުންތެރިކަމަށްވުރެ އިތުރުވެދާނެ ކަމަށެވެ.
މިޔަންމާގެ އިދިކޮޅު ނެޝަނަލް ޔުނިޓީ ގަވަރންމަންޓުން ކުރި ފުރަތަމަ އެސެސްމަންޓުގައި ބުނެފައިވަނީ ބިންހެލުމުގެ ސަބަބުން މަދުވެގެން 2،900 އިމާރާތާއި، 30 މަގާއި، 7 ފާލަމަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
ބޮޑެތި ގެއްލުންތަކުގެ ސަބަބުން، ނައިޕިޑޯ އަދި މަންޑަލޭ އިންޓަރނޭޝަނަލް އެއަރޕޯޓްތައް ވަގުތީގޮތުން ވަނީ ބަންދުކޮށްފަ އެވެ.
މިޔަންމާގެ ޚާއްޞަކޮށް އިމާރާތްކުރެވުނު ވެރިރަށް ނައިޕިޑޯގެ އެއަރޕޯޓުގެ ކޮންޓްރޯލް ޓަވަރު ވެއްޓި، އެތަން ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށް މި ކަމާ ގުޅޭ މަޢުލޫމާތު އެނގޭ މީހަކު ރޮއިޓަރޒްއަށް ބުނެފައިވެ އެވެ.
މިޔަންމާގެ މެދު އަދި ހުޅަނގު އުތުރު ސަރަޙައްދުތަކުގެ ހޮސްޕިޓަލްތަކަށް ގިނަ އަދަދެއްގެ ޒަޚަމްވެފައިވާ މީހުން އަންނަމުންދާތީ، އެތަންތަނުން ފަރުވާ ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ޔޫއެން އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒްއިން ބުނެފައިވެ އެވެ. އަދި މަގުތަކަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އެ ސަރަޙައްދުތަކަށް ވާސިލުވުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގ ޖަންޓާގެ އިސްވެރިޔާއާ ފޯނުން ވާހަކަދައްކާފައިވާ ކަމަށް ހޮނިހިރު ދުވަހު މިޔަންމާގައި ހުރި ޗައިނާގެ އެމްބަސީން ބުނެފައިވެ އެވެ. އަދި ޗައިނާއިން 13.77 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ. މީގެ ތެރޭގައި ޓެންޓުތަކާއި، ރަޖާ އަދި ކުއްލި ޙާލަތުގެ މެޑިކަލް ކިޓުތައް ހިމެނެ އެވެ.
އިންޑިއާގެ ސިފައިންގެ މަތިންދާބޯޓެއްގައި އެހީގެ ތަކެތި ޔަންގޫންއަށް ގެނެސްފައިވާ ކަމަށް މިޔަންމާގެ ސަރުކާރުގެ މީޑިއާއިން ބުނެފައިވެ އެވެ. އަދި އިންޑިއާ ސަރުކާރުން ބުނެފައިވަނީ 40 ޓަނުގެ އިންސާނީ އެހީގެ ތަކެތި އުޅަނދުފަހަރުގައި ފޮނުވަމުންދާ ކަމަށެވެ.
ރަޝިޔާ، މެލޭޝިޔާ އަދި ސިންގަޕޫރުންވެސް މަތިންދާބޯޓުތަކުގައި އެހީގެ ތަކެއްޗާއި މީހުން ފޮނުވަމުންދެ އެވެ.