ސައުދީ އަރަބިއްޔާއިން "ސައުދީ ގްރީން އިނީޝިއޭޓިވް" އާއި "ދަ މިޑްލް އީސްޓް ގްރީން އިނީޝިއޭޓިވް" އިއުލާންކުރުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން އެ ގައުމަށް މަރުހަބާ ކިޔައިފި އެވެ.

ސައުދީގެ ވަލީއަހުދު، އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރާއި މިނިސްޓަ އޮފް ޑިފެންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު މިއަދު އިއުލާންކުރި ސައުދީ ގްރީން އިނީޝިއޭޓިވް އާއި ދަ މިޑްލްއީސްޓް ގްރީން އިނީޝިއޭޓިވްއާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ސައުދީން ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށް މަރުހަބާ ކިޔާފަ އެވެ.

ފޮރިން މިނިސްޓްރީން ވަނީ ޖީ-20 ސަމިޓުގެ ރައީސްކަން ސައުދީން ކުރިއިރު ތިމާވެށި ހިމާޔަތްކުރުމަށް އަޅަން ނިންމި ފިޔަވަޅުތަކާއި އެ ގައުމުން މިހާރު އަޅަން ނިންމާފައިވާ ފިޔަވަޅުތައް ފާހަގަކޮށްފަ އެވެ.

ތިމާވެއްޓަށް އަންނަ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރާ އަދި ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގައި އެންމެ ގަދައަށް އަޑު އުފުލާ އެއް ގައުމުގެ ގޮތުން، ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ލީޑަޝިޕްގެ ދަށުން އަޅާފައިވާ މި ފިޔަވަޅުތަކުގެ ސަބަބުން ތިމާވެއްޓަށް ރަނގަޅު އަސަރެއްކުރާނެ ކަމަށް ގަބޫލުކުރާކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ތިމާވެށި ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅިތަކާއި އިގްތިސާދާ މެދު ކުރެވޭ ބަހުސްއާ ބެހޭގޮތުން ވަލީއަހުދު ސަލްމާން ވިދާޅުވި ވާހަކައަށް ތަރުހީބުދީ މިނިސްޓްރީން ބުނީ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން އިގްތިސާދު ފުޅާވުމަށް އިތުރު މަގުތަކެއް ހުޅުވިގެންދާނެ ކަމަށާއި އަދި އުފެއްދުންތެރިކަން އިތުރުވެ ވާދަވެރިކަން އުފެދިގެންދާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ނޫސް ބަޔާނުގައި އެންމެހައި ގައުމުތަކުން ވެސް ޕްރިސް އެގްރީމެންޓަށް އަމަލުކުރުމަށް ވަނީ ހަނދާންކޮށްދީފަ އެވެ. އަދި ތިމާވެއްޓަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތަކާއެކު މަސައްކަތްކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމަށް ވަނީ ބުނެފަ އެވެ.