ކްރިމިނަލް ކޯޓުން ބޭރުކޮށްލި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ މައްސަލަތައް ބެލުމަށް އަމުރު ކުރުމާާ މެދު މާދަމާ ހައިކޯޓުން ގޮތެއް ނިންމާނެއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާގެ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅި މައްސަލަ އިސްތިއުނާފު ކުރީ ދައުލަތުންނެވެ. އެ މައްސަލަތަކުގެ ހުކުމް އިއްވުން މާދަމާ 2:00 އަށް ވަނީ ތާވަލްކޮށްފައެވެ. އެ މައްސަލަތައް ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފިނަމަ ދައުލަތުން އެ މައްސަލަތައް އަލުން އެ ކޯޓަށް ހުށަހަޅާނެއެވެ.

އަދީބުގެ މައްޗަށް އުފުލި އެ ދައުވާތަކަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކެވެ.

އެ ދައުވާތައް އުފުލީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން، އެސެޓް ރިކަވަރީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންގެ ގުޅިގެން ހިންގި ތަހުގީގުން ފާހަގަވި ކަންތައްތަކާ ގުޅިގެންނެވެ.

އަދިބުގެ މައްސަލަތައް ބޭރުކޮށްލި ގާޒީ އިސްމާއީލް ރަޝީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އަދި މިވަގުތު އޭނާ ހުރީ ސަސްޕެންޝަނުގައެވެ.