ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ އީގަލް ހިލްސް މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރެފަރެންޑަމެއް) ނުނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު އެމްޑީޕީގެ ގޮވާލުމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއަކީ ރެފަރެންޑަމަކަށް ދާންޖެހޭ ފަދަ ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތަކާއި، ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލުގެ އިތުރުން ގާނޫނީ ހުރިހާ އިޖުރާއަތްތަކަށް ރިއާޔަތްކޮށް، އެ ކަންކަން ރިއަލް އެސްޓޭޓް ބިލުގައި ސީދާ ބަޔާންކޮށްފައިވާނެ ކަމަށް އެމަނިކުފާނު ތަފުސީލުކޮށްދެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި މަޝްރޫއުގެ ކަންކަން އާދައިގެ ގަވާއިދަކުން ވެސް ބަޔާންކުރެވެން އޮތް ނަމަވެސް، އަންނަން އޮތް ޖީލުތަކަށް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން އެކަންކަން ރިއަލް އެސްޓޭޓް ގާނޫނުގެ އަށްވަނަ ބާބުގައި ހިމަނުއްވާފައިވާނެ ކަމަށެވެ.

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މިދިޔަ އާދިއްތަ ދުވަހު ކުއްލި ގަރާރެއް ފާސްކޮށްފަ އެވެ. އަދި ސަރުކާރުން އެ ގަރާރަށް އިޖާބަ ނުދީފިނަމަ، އެހެން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާ ގުޅިގެން ސީދާ ހަރަކާތަށް ނުކުތުމަށް ވެސް އެމްޑީޕީން ވަނީ ނިންމައިފަ އެވެ.

އެހެންނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަސްމާލެ މަޝްރޫއަށް ތާއީދުކުރެއްވި ނަމަވެސް، ގައުމީ މަޖިލީހުގެ މެޖޯރިޓީން ގަރާރު ފާސްކުރީ ނަޝީދުގެ ވިސްނުމާ ދެކޮޅަށެވެ.