ގާނޫނުއަސާސީން ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައި ވަނިކޮށް، "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލް މެދުވެރިކޮށް ތާއަބަދަށް ލީސް އާވާ ގޮތަށް ހަދަން ރިއަލް އެސްޓޭޓް ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި މި ބިލުގެ 89 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ހާއްސަ ޒޯނުގައިވާ އެޕާޓްމަންޓްތަކާއި ޕްރޮޕަޓީތަކުގެ ލީސްހޯލްޑް ބޭރު މީހުންނަށް 99 އަހަރަށް ވިއްކޭނެ ކަމަށެވެ. އަދި ބޭރު މީހަކު މާސްޓާ ޑިވެލޮޕަރުގެ އަތުން ތަނެއް ގަތުމުން، ލިބެނީ ކުރީގެ ލީސްގެ ބާކީ އޮތް މުއްދަތެއް ނޫނެވެ.

އޭގެ ބަދަލުގައި، ކުރީގެ ލީސް ސަރުކާރަށް ދޫކޮށްލުމުން، ގަތް ފަރާތަށް ސީދާ އާ 99 އަހަރުގެ ލީސްއެއް އޮތޯރިޓީން ދޫކުރަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ބިލުގެ 78 ވަނަ މާއްދާގެ ށ. ގައިވާ ގޮތުން، މާސްޓާ ޑިވެލޮޕަރުގެ މުއްދަތު ހަމަވި ނަމަވެސް، އެ ގޮތަށް ދޫކުރާ ލީސް ދެމިއޮންނާނެ އެވެ.

މި މޮޑެލްގެ ދަށުން ގަންނަ ބޭރު މީހުންނަށް އެ ޕްރޮޕަޓީ އެހެން ފަރާތްތަކަށް އަލުން ވިއްކުމާއި، ބޭންކުތަކަށް ރަހުނުކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންދެ އެވެ. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް ގެނެސްފައިވާ އިންތިޒާމެއް ކަމަށް އިދިކޮޅު ފަރާތްތަކާއި އާންމުން ސިފަކުރެ އެވެ.

ނަމަވެސް ސަރުކާރުން މިކަން ސިފަކުރަނީ މިއީ ރިއަލް އެސްޓޭޓް މާކެޓަށް ގެންނަ ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި އަދި އިންވެސްޓްމަންޓްތައް ހިފެހެއްޓުމަށް ކޮންމެހެން ވެސް ބޭނުންވާ ކަމެއްގެ ގޮތުގަ އެވެ. ރަސްމާލެ މަޝްރޫއުގެ ދަށުން ޕްރޮޕަޓީ ވިއްކަނީ ހުސްނުވާ 99 އަހަރުގެ އުސޫލުން ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެއްބަސްވެވަޑައިގެންނެވި އޯޑިއޯއެއްވެސް ދާދި ފަހުން ވަނީ މީސްމީޑިއާގައި ލީކުވެފަ އެވެ.

ދީނީ އިލްމުވެރިންނާއެކު ސެޕްޓެމްބަރު މަހު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އިންވެސްޓަރުންގެ މުދާ ޑިޕްރިޝިއޭޓް ނުވާނެ ހާއްސަ މެކޭނިޒަމެއް ސަރުކާރުން ގެންނަނީ ކަމަށެވެ. އަދި ތަން ވިއްކާލާ ކޮންމެ ފަހަރަކު ފީއެއް ނަގައި އަލުން އާ 99 އަހަރުގެ ލީސްއެއް ދޭނެ ކަމަށްވެސް އޭބާ ހާމަކުރެއްވި އެވެ.

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު 12 ބިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫއު ހިންގަނީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ދޫކޮށްލައިގެންނެވެ. ދިވެހިންގެ ބޯހިޔާވަހިކަމަށް ބިންހިއްކުން ކުރިއަށްގެންދިޔަ ބިން ބޭރު ބަޔަކަށް ތާއަބަދަށް ލިބޭ ގޮތަށް ގާނޫނު ބަދަލުކުރުމަކީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށްވެސް ގޮވާލަމުންދެ އެވެ.