ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އިގްތިސާދީ މަންފާ ދިވެހި އެންމެހައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައި، "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީއާރްއެޗްސީ)" ގެ ނަމުގައި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2026/19 ގެ ދަށުން އުފެއްދެވި ކުންފުންޏެއް ކަމަށެވެ.

މިއީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ގުދުރަތީ ވަސީލަތްތަކުގެ އަގު މަތިކޮށް، އަންނަން އޮތް ޖީލުތަކަށް އެއިން އެންމެ އެދެވޭ ދިގުމުއްދަތުގެ ފައިދާ ލިބިދޭނެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ޑީއާރްއެޗްސީ އުފެއްދެވުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުމަށާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަގްވާމީ ފެންވަރުގެ ރިސޯޓުތައް ތަރައްގީކޮށް ހިންގުން ހިމެނެ އެވެ. މީގެއިތުރުން، ދިވެހި ރައްޔިތުންނަށް ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ގައުމީ އިގްތިސާދަށް ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ހަރުދަނާ އަދި ވާދަވެރި ވިޔަފާރީގެ ވެއްޓެއް ބިނާކުރުންވެސް މި ކުންފުނީގެ ލަނދުދަނޑިތަކުގެ ތެރޭގައި ހިމެނެ އެވެ.

މިފަދަ ކުންފުންޏެއް އުފެއްދެވިއިރު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން، ވަކިވަކި ފަރުދުންނަށް ސީދާގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ މަންފާ ލިބޭނެ ޚާއްސަ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރައްވާފަ އެވެ.

އެ ދުވަހު ދެއްވި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކުރައްވާނެ ކަމަށެވެ. އަދި އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް، ކޮންމެ ދިވެއްސެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. މީގެއިތުރުން، މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރަކީ ކޮންމެ ދިވެހި ރައްޔިތެއް ކަމުގައި ގާނޫނަކުން ކަނޑައަޅުއްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.