އުމުރުން 60 އަހަރުވުމުން އެއްގަމު އުޅަނދު ދުއްވުމަށް ވަކި ޚާއްސަ ލައިސެންސެއް ނަގަން ޖެހޭ ގޮތް ހަދައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެއްގަމުން އުޅަނދުފަހަރު ދުއްވުމުގެ ލައްސަންސް ދޫކުރުމާބެެހޭ ގަވައިދުއަށް ގެނައި އިސްލާޙްގައި ވަނީ މި ލައިސަންސްގެ ދަށުން ދުއްވުމުގެ ހުއްދަ ދެވޭނީ ހަމައެކަނި 60 ސީސީއިން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕް ފަދަ އުޅަނދު ދުއްވުމަށް ކަމަށެވެ.

ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން މި ލައިސަންސް ބޭނުންކޮށްގެން އުޅަނދު ދުއްވޭނީ ހަމައެކަނި އެ ލައިސަންސް ދޫކުރި އިދާރާ ހުންނަ ރަށެއްގަ އެވެ. އަދި އެ ލައިސަންސްގައި ދޫކުރެވޭނީ ހަމައެކަނި ގަޑިއަކު 30 ކިލޯމީޓަރަށް ވުރެ މަޑުން ދުއްވުން ހުއްދަކުރާ މަގުތަކުގަ އެވެ.

އަލަށް މި ގެނެވުނު އިސްލާޙާގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މިއަދު ގެޒެޓްކުރި ލައިސަންސް ދޫކުރުމާބެހޭ ގަވާއިދުގެ ދެވަނަ އިސްލާހުގެ ދަށުން މިހާރު ދޫކުރާ ވަގުތީ އަދި ދާއިމީ ލައިސަންސް ކަނޑައަޅާފައިވާ އިމްތިހާންތައް ފުރިހަމަކޮށްގެން ނެގުމަށް 18 އަހަރުން މަތީގެ އެއްވެސް އުމުރު ފުރައެއްގެ އެއްވެސް ފަރާތަކަށް ހުރަހެއް ނެތް ކަމަށެވެ.

އެގޮތުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދުގެ ދަށުން ދޫކުރާ ވަގުތީ ލައިސަންސާއި، ދާއިމީ ލައިސަންސް ދޫކުރާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ އިމްތިހާންތައް ފުރިހަމަ ކުރުމުންނެވެ. މި ދެ ބާވަތުގެ ލައިސަންސްގެ އިތުރުން، މި އިމްތިހާނުތައް ފުރިހަމަ ކުރުމުގެ ބަދަލުގައި، ހަތަރު ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްގެން، 60 ސީސީ އިން ދަށުގެ ސައިކަލާއި، ރަށު ޕިކަޕް ދުއްވުމަށް އިސް ރައްވެހިންނަށް ޚާއްސަ ލައިސަންސެއް ދޫކުރުމުގެ އިޚުތިޔާރު ރަށްރަށުގެ ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ދޫކުރާ ލައިސަންސްގެ މުއްދަތަކީ، ލައިސަންސް ދޫކުރާ ތާރީޚުން ފެށިގެން 10 އަހަރު ދުވަހެވެ. އަދި މުއްދަތު ހަމަވުމުން ލައިސަންސް ލިބިފައިވާ ފަރާތަށް އެ ލައިސަންސް އާކުރުމުގެ އިޚުތިޔާރު ލިބިގެނެއް ނުވެ އެވެ. ނަމަވެސް، ޚާއްސަ ތަމްރީން ޕްރޮގްރާމް އަލުން ފުރިހަމަކުރުމަށްފަހު، އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.

ދޮށީ އުމުރުގެ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ލައިސަންސްގެ ދަށުން އުޅަނދު ދުއްވާ ފަރާތަކުން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ޓްރެފިކް ގަވާއިދުތަކާ ޚިލާފުވެއްޖެ ނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމުގެ އިޚުތިޔާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ނުވަތަ ލައިސަންސް ދޫކުރި އިދާރާއަށް ލިބިގެންވެ އެވެ.

މި ގަވާއިދުގައިވާގޮތުން ލައިސަންސް ހޯދުމަށާއި، ލައިސަންސްއާ ގުޅޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމަށް ޓަކައި، 250 ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ. 2021 ވަނަ އަހަރު ހަދާފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދުގައި އުމުރުން ދުވަސްވީ މީހުން ވަކި ލައިސެންސެއް ނަގަން ޖެހޭ ގޮތަކަށް ނޯވެ އެވެ. އެ ގަވާއިދުގައި އޮތީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލައިސެންސް ދޫކުރުމުގެ އުސޫލެކެވެ.