ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ބޮޑު މަގު ހެދުމަށް ހުސްކުރަންޖެހޭ އެކަމޮޑޭޝަން ބްލޮކްތައް ހުސްކުރަން އީކުއެޓާ ވިލެޖް ހިންގާ ކައިމޫ ކުންފުނިން އެއްބަސްވެއްޖެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އީކުއެޓާ ވިލެޖްގެ އެކަމޮޑޭޝަން ބްލޮކްތައް ހުރީ އެއާޕޯޓްގެ މައި މަގު ހަދާ ސަރަހައްދުގެ އިމުގެ ތެރޭގަ އެވެ. މީގެކުރިން ކައިމޫ އިން ވަނީ އެތަން ހުސްކުރަން ދެކޮޅު ހަދާފަ އެވެ. އަދި މުޅި ހޮޓަލް އެއްކޮށް ދޫކޮށްލައި ބަދަލު ހޯދަން ވެސް ޑިމާންޑްކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ވަނީ އެ ކުންފުންޏާ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން މޭޔަރު ނިޒާރު ވިދާޅުވީ މަގު ހަދަން ފުރުސަތު ދިނުމަށްޓަކައި އެކަމޮޑޭޝަން ބްލޮކްތައް ހުސްކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށެވެ.

"އެ ފާރާތުން ވަނީ މިކަމަށް ދާއިމީ އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި. އަދި މި އިމާރާތް ހުސްކުރުމަށް ވާންޖެހޭ ތައްޔާރީތަށް ވަމުންދާ ކަމަށް ވަނީ ވިދާޅުވެފައި،" ނިޒާރު ފޭސްބުކްގައި ވިދާޅުވި އެވެ.

މިމައްސަލަ ހައްލު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ފުރުސަތު ދިނުމަށާއި އީކުއޭޓާ ވިލެޖުގެ ވިޔަފާރިއަށް ގެއްލުންވާ ގޮތަށް ކަންކަން ނުކުރުމަށް މޭޔަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

އައްޑޫ ސިޓީގައި ކުރެވިފައިވާ ވިޔަފާރިތަކަށް ގެއްލުންވާނެ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަކީ އެ ސިޓީގެ އިގްތިސާދަށް ގެއްލުން ލިބިދާނެ ކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

އައްޑޫ އެއާޕޯޓް ހިންގާ ކުންފުނިން ވަނީ އެކަމޮޑޭޝަން ބްލޮކްތައް ހުސްކުރަން މި މަހުގެ 16އާ ހަމައަށް ކައިމޫއަށް ފުރުސަތު ދީފަ އެވެ. އަދި އެތަން ހުސްކުރަން ދެކޮޅު ހަދައިފިނަމަ ކޯޓަށް މައްސަލަ ހުށަހަޅަން އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް އެތަން ހުސްނުވެއްޖެނަމަ އެއާޕޯޓްގެ މަޝްރޫއުއިން މަގު ހެދުމުގެ ބައި އުނި ކުރާނެ ކަމަށެވެ. އަދި ފަހުން ވަކި މަޝްރޫއެއްގެ ގޮތުގައި އެ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.