ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ މާލީ ބަޔާން އާންމު ކުރެއްވިއިރު، މަޖިލިސް މެމްބަރު ކަމުގެ މުސާރަ އާއި އިނާޔަތް ނޫން އެއްޗެއް ނެތެވެ.

ޖާބިރުގެ މާލީ ބަޔާނުން ދައްކާ ގޮތުގައި ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި މުސާރަ އާއި އިނާޔަތް ފިޔަވައި އެހެން މާލީ ނަފާއެއް އޭނާއަށް ލިބިފައެއް ނުވެއެވެ.

މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތުގައި ޖާބިރު މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެއެވެ. ޖާބިރު ވިދާޅުވީ މާލީ ބަޔާން ހުށަހެޅުން ލަސްވީ ބޭނުންވާ ބައެއް މައުލޫމާތު ހޯދުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މަޖިލިސް މެމްބަރުންނާއި އެ މެމްބަރުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 31ގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހެއެވެ.

ޖާބިރުގެ މާލީ ބަޔާނުގައި ވާ ގޮތުން 2 މޭ 2019 އިން 27 މޭ 2020 އަށް އޭނާ މުސާރަ އާއި އިނާޔަތުގެ ގޮތުގައި 765،776.36 ރުފިޔާ ލިބިވަޑައިގަތެވެ. އޭގެއިތުރަށް މާލީގޮތުން އެއްވެސް ނަފާއެއް ލިބިފައިވާ ކަމަށް މާލީ ބަޔާނުން ނުދައްކައެވެ.

މުސާރަ އާއި އިނާޔަތް ފިޔަވައި އެހެން ނަފާއެއް ނުލިބޭ ކަމަށް ޖާބިރު ވިދާޅުވާއިރު، އޭނާ އަކީ ވިޔަފާރިވެރިއެކެވެ. ޖާބިރުގެ ޔޮޓް ޓުއާސްގެ ކުންފުނިން އަންނަނީ ރާއްޖޭގައި ޓޫރިޒަމްގެ ވިޔަފާރި ކުރަމުންނެވެ.