މެދުއީރުމަތީގެ ހަނގުރާމަ އަލުން ފެށިގެންގޮސްދާނެ ކަމުގެ ނުވަތަނަވަސްކަން ބޮޑުވެފައިވަނިކޮށް، އެމެރިކާއާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުގެ ބޮޑުވަޒީރު އަދި ހާރިޖީ މިނިސްޓަރު ޝެއިހް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިބު ރައީސް ޖޭޑީ ވޭންސް އާ ބައްދަލުކުރެއްވުމަށް ވޮޝިންޓަނަށް ވަޑައިގެންފި އެވެ.

ގަތަރުގެ ބޮޑުވަޒީރު ވޮޝިންޓަނަށް ވަޑައިގެންފައި މިވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ ސުލްހައިގެ މަޝްވަރާތައް ހުއްޓުމަކަށް އައިސް، މަޝްރަހު އަލުން ހޫނުވާން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

ވައިޓް ހައުސްގައި ސިއްރު ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ގަތަރުން ދަނީ ދެ ގައުމުގެ މެދުގައި ހުރި ހިޔާލުތަފާތުވުންތައް ކުޑަކޮށް، ހަމަލާތައް ބަދަލުކުރުން ހުއްޓުވުމުގެ އާ ހުށަހެޅުންތަކެއް ހުށަހަޅަމުންނެވެ.

މި ދަނޑިވަޅުގައި އީރާނުން ވަނީ އެމެރިކާއަށް އަމާޒުކޮށް ވަރުގަދަ ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން އެމެރިކާއިން ވެފައިވާ އެއްބަސްވުންތަކަށް ހިލާފުވެފައިވާ ކަމަށް ބުނެ، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ހިސާރު އުވާނުލައި، ހިފަހައްޓާފައިވާ މާލީ ވަސީލަތްތައް ދޫނުކޮށް އަދި ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލަނީސް ސުލްހައާ ދިމާލަށް ކުރިއަށް ދިއުމަކީ މުސްތަހީލު ކަމެއް ކަމަށް ތެހެރާނުން ވަނީ ބުނެފަ އެވެ.

އީރާނުގެ މި ނިންމުމާއި އެމެރިކާގެ ހަރުކަށި ފިޔަވަޅުތަކާއެކު، ސަރަހައްދީ ހަނގުރާމައެއް އަލުން ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، ގަތަރުގެ ބޮޑުވަޒީރު ވޮޝިންޓަނަށް ކުރައްވާ މި ދަތުރުފުޅަކީ ސުލްހައިގެ މަގަށް ވާސިލުވުމަށް ލިބޭ އެންމެ ފަހުގެ ފުރުސަތު ކަމަށް ބައިނަލްއަގުވާމީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ.