ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމާ ބެހޭ ބިލުގައި، މަރުގެ އަދަބު ތަންފީޒުކުރާނީ ކުށްވެރިޔާގެ ކަރުގައި މަޅިއެއް އަޅުވައި ދަންޖައްސައިގެން ކަމަށް ހިމަނައިފި އެވެ.

ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން، ދަންޖެއްސުމުގައި ބޭނުންކުރާ ތަކެއްޗާއި އާލަތްތައް ވާންޖެހޭނީ ކުށްވެރިޔާއަށް އެންމެ ވޭން ކުޑަ އަދި ވީއެންމެ އަވަހަކަށް އަދަބު ތަންފީޒުކުރެވޭނެ ގޮތަކަށެވެ. އަދި ދަންޖެއްސުމުގެ ތަފްސީލީ އުސޫލުތަކާއި އިޖުރާއަތްތައް އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދެއްގައި ބަޔާންކުރަންޖެހެ އެވެ.

ޝަރުޢީ ހުރިހާ މަރުހަލާއެއް ނިމުމާއެކު ވާރިސުންގެ ރުހުމާއެކު މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކަންކަން ހިންގާ ބަލަހައްޓާނީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. އެ ޕެނަލް ކޮންމެ މައްސަލައަކަށް ވަކިން އެކުލަވާލުމުގެ ޒިންމާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ވަނީ މަތިކޮށްފަ އެވެ.

މި ޕެނަލްގައި ހިމެނެނީ ކޮމިޝަނާ އޮފް ޕްރިޒަންސް އައްޔަންކުރައްވާ ކަރެކްޝަންސްގެ ކޮމިޝަންޑް އޮފިސަރަކާއި، ކޮމިޝަނާ އޮފް ޕޮލިސް އައްޔަންކުރައްވާ ފުލުހުންގެ އިސް އޮފިސަރެކެވެ. މީގެއިތުރުން ޕްރޮސެކިއުޓާ ޖެނެރަލް އައްޔަންކުރައްވާ ޕްރޮސެކިއުޓަރަކާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން އައްޔަންކުރާ މެޑިކަލް ޑޮކްޓަރަކުވެސް ހިމެނޭނެ އެވެ. ސުޕްރީމް ކޯޓުން ކަނޑައަޅާ ފަރާތަކާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅާ ދީނީ އިލްމުވެރިއަކުވެސް މި ޕެނަލްގައި ހިމެނެ އެވެ.

މަރުގެ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތަކެއްވެސް މި ބިލުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން ކުށްވެރިޔާ ބަލިވެ އިނދެއްޖެނަމަ، އޭނާ ވިހައި ގަދަވެ، ދަރިފުޅަށް ދެ އަހަރު ފުރެންދެން އަދަބު ތަންފީޒުކުރުން ފަސްކުރަންޖެހެ އެވެ.

އަދަބު ކަނޑައެޅުނު ހުކުމް މުރާޖައާކުރަން ކުށްވެރިޔާގެ ފަރާތުން ހުށަހަޅާފައިވާނަމަ ނުވަތަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާނަމަ، އެ ކޯޓުން ގޮތެއް ކަނޑައެޅެންދެން އަދަބު ތަންފީޒެއް ނުކުރެވޭނެ އެވެ. މީގެއިތުރުން ކުށްވެރިޔާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ސިއްހީ ހާލަތު އެކަށީގެންވާ މިންވަރަށްވުރެ ދަށްވެފައިވާނަމަ، ސިއްހަތު ރަނގަޅުވަންދެން އަދަބު ތަންފީޒުކުރުން ފަސްކުރެވެ އެވެ.

މަރުގެ ހުކުމް ތަންފީޒުކުރެވޭނީ މީހުން މެރުމުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައެވެ. އެގޮތުން 350 ގްރާމަށްވުރެ އިތުރަށް ކެނަބިސް ޓްރެފިކްކުރުމާއި، 250 ގްރާމަށްވުރެ އިތުރަށް ޑައިމޯފިން ޓްރެފިކްކުރުމާއި، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް 100 ގްރާމަށްވުރެ އިތުރަށް ޓްރެފިކްކުރާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން މަރުގެ އަދަބު ދެވިދާނެ އެވެ.

ދިވެހިރާއްޖޭގައި 1954 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައެއް ނުވެ އެވެ.