ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބައިކުރުމުގެ މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފެއްދެވި ރިޔާސީ ހާއްސަ ކޮމިޝަން (ޗާގޯސް ކޮމިޝަން) އުފެއްދެވިތާ އަށް ދުވަސް ނުވަނީސް، އެ ކޮމިޝަނުގެ ރައީސާއި މެންބަރަކު ވަކިކުރައްވައި އާ ބޭފުޅުން ހަމަޖައްސަވައިފި އެވެ.

ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައިވާ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ 1 ވަނަ ދުވަހު އުފެއްދެވި ހަތް މެންބަރުންގެ ކޮމިޝަނުގެ އެކުލެވުމަށް ބަދަލު ގެންނަވާފަ އެވެ. އެގޮތުން ކޮމިޝަނުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ފަރީދު ވަކިކުރެއްވުމަށްފަހު، އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ފޮރިން ސާވިސްގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ކުރީގެ ޑިޕްލޮމެޓް އަބްދުލްއަޒީޒު ޔޫސުފެވެ.

މީގެއިތުރުން ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ކުރިން އިންނެވި އަހުމަދު މައުރޫފް ވަކިކުރެއްވުމަށްފަހު، އޭނާގެ ބަދަލުގައި އާ މެންބަރެއްގެ ގޮތުގައި އައްޔަންކުރައްވާފައި ވަނީ އަބްދުލްފައްތާހު އަބްދުލްގަފޫރެވެ. ނަމަވެސް މަސައްކަތް ފެށިތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮމިޝަނުގެ ވެރިން ބަދަލުކުރެއްވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން އުފައްދާފައިވާ މި ކޮމިޝަނަކީ ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ ދަށުން ތަހުގީގީ އިދާރާތަކަށް ލިބިދޭ ހުރިހާ ބާރުތަކާއެކު މަސައްކަތްކުރާ ކޮމިޝަނެކެވެ. ކޮމިޝަނުގެ މަސައްކަތްތައް ނިންމުމަށް ރައީސް މުއިއްޒު ދެއްވާފައި ވަނީ ތިން މަސްދުވަހުގެ މުއްދަތެކެވެ.

ޗާގޯސް މައްސަލައިގައި ކުރީގެ ސަރުކާރުން ރާއްޖޭގެ ސްޓޭންޑު ބަދަލުކުރި ގޮތާއި، އެކަމުގައި ހިންގާފައިވާ މުއާމަލާތްތަކާއި، ދައުލަތުގެ އެއްވެސް އިދާރާއަކުން ނުވަތަ ވެރިއަކު ރިޝްވަތު ހިފާފައިވޭތޯ ކޮމިޝަނުން ތަހުގީގުކުރާނެ އެވެ. އަދި 2023 ވަނަ އަހަރު އިޓްލޮސްއިން ދެމެދު މިން އަޅައިގެން ސަރަހައްދު ބަހާލުމަށް ހުކުމްކުރި ނަމަވެސް، ރާއްޖެއަށް ލިބެންޖެހޭ ސަރަހައްދެއް ގެއްލުނު ކަމަށް ބުނެ މި ސަރުކާރުން ދަނީ އެ ނިންމުން މުރާޖައާކުރަން މަސައްކަތް ކުރަމުންނެވެ.