އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގެ މައި ބިމުގައި ބަނގުރަލާއި އޫރުމަސް މަނާކުރި ނަމަވެސް، އެ ޒޯނުގައި ވަކިން ހިއްކާ ރަށްތަކުގައި ޓޫރިޒަމާ ބެހޭ ޤާނޫނުގެ ދަށުން އެ ތަކެތި ބޭނުންކުރުމުގެ ހުއްދަ ލިބޭ ގޮތަށް ސަރުކާރުން ރިއަލް އެސްޓޭޓް ވިޔަފާރި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލުގެ 76 ވަނަ މާއްދާގެ ބ. ގައި ބަޔާންކޮށްފައި ވަނީ، އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުގެ ގޮތުގައި ކަނޑައަޅާ ސަރަޙައްދުގައި ހިމެނޭ ފަޅުތައް ވަކިން ހިއްކައިގެން ޓޫރިޒަމް ފެސިލިޓީތައް ތަރައްގީކުރެވިދާނެ ކަމަށެވެ. އަދި މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް، އެފަދަ ތަންތަނުގެ މައްޗަށް ހިނގާނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގައިވާ އުސޫލުތައް ކަމަށް ބިލުގައި ކަނޑައަޅާފައިވެ އެވެ.
މި ބިލުގެ 77 ވަނަ މާއްދާގެ ނ. ގެ ދަށުން، ވަކިން ހިއްކާ ރަށްތަކަށް ޓޫރިޒަމާ ބެހޭ ގާނޫނު ހިނގާތީ، ރާއްޖޭގެ އާންމު ރިސޯޓުތަކެކޭ އެއްފަދައިން އެ ތަންތަނަށް ބަނގުރަލާއި އޫރުމަހުގެ ހުއްދަ ދޭން ހުރަހެއް ނެތެވެ. ނަމަވެސް އިންޓެގްރޭޓެޑް ޒޯނުގެ މައިގަނޑު ރިއަލް އެސްޓޭޓް ބައިގައި ބަނގުރަލާއި އޫރުމަސް ބޭނުންކުރުން ބިލުގެ 77 ވަނަ މާއްދާގެ ރ. ގެ ދަށުން ވަނީ ކަނޑައެޅިގެން މަނާކޮށްފަ އެވެ.
އެ ތަނުގައި ތަރައްގީކުރާ ތަންތަނަށާއި، ހިންގާ ވިޔަފާރިތަކަށް އަދި ދިރިއުޅޭ އެއްވެސް މީހަކަށް އެފަދަ ތަކެތި އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުމުގެ އެއްވެސް ހުއްދައެއް ނޯންނާނެ އެވެ. މިހެންކަމުން ރިއަލް އެސްޓޭޓް ޒޯނުގައި ދިރިއުޅޭ ބޭރުގެ ރައްޔިތުންނަށް ކައިރީގައި ވަކިން ހިއްކާ ޓޫރިޒަމް ރަށްތަކަށް ގޮސް އެފަދަ ހިދުމަތްތައް ހޯދޭނެ އެވެ.
ރިސޯޓުތަކުގައި މިހާރު ވެސް ޖުވާކުޅުން ފަދަ ކަންކަމަށް މަގުފަހިވާ ވިޔަފާރިތަކާއި ކެސީނޯ ހިންގުން މަނާވުމުން، މި ގާނޫނު ނެތަސް، ރިސޯޓެއް ތަރައްގީކޮށްގެން އެފަދަ ހިދުމަތެއް ނުދެވޭނެ އެވެ. ހަމައެހެންމެ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ މިހާރު ވެސް ގާނޫނުތަކުން ކަނޑައެޅިގެން މަނާ ކަމެކެވެ.
ރަސްމާލޭގައި ރަލާއި އޫރުމަސް ވިއްކުމާ ގުޅޭ ގޮތުން ސަރުކާރުގެ ވެރިން މިހާތަނަށް ދައްކަވާފައިވާ ވާހަކަފުޅުތަކުގައި ފުށުއެރުންތަކެއް ގައި ހުރިކަން ފާހަގަކުރެވެ އެވެ. އެ ތަނުގައި އެއްވެސް ވަރަކަށް ބަނގުރާ ނުވިއްކޭނެ ކަމަށާއި ރަލެއް ނުބޮވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ރިސޯޓުތަކުގައި އޮންނަ ގޮތަށް ހުއްދަ ނަގައިގެން އެ ތަނުގެ ހޮޓާތަކުގައި ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ދީނީ ޢިލްމުވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވަނީ ވިދާޅުވެފަ އެވެ.
"އެއާޕޯޓް ރަހުނުކޮށް ލޯނު ނެގުމުން މުއިއްޒުގެ ކޮރަޕްޝަން ހާމަވޭ"
ނޭފަތުގެ ސާޖަރީއަށްފަހު ޖާންވީ ކުޅަދާނަކަމަށް ސްރީދޭވީ ބުނި
