އެމެރިކާގައި ދިރިއުޅެމުން ގެންދިޔަ ސައޫދީގެ ނޫސްވެރިޔާ ކަމާލް ޚަޝޯގްޖީ، ތުރުކީގައި ހުރި ސައޫދީ އެމްބަސީ ތެރޭގައި ކޮށައި ކުދިކުދި ކޮށް، ގޯންޏަކަށް ލައިގެން ގޮސް އުކާލި ވާހަކައަކީ ދުނިޔެ ސިއްސައިގެން ދިޔަ ޚަބަރެކެވެ.

އެ ގައުމުގެ ކިތަންމެ ކުޑަ މަސްލަހަތަކާ ގުޅޭގޮތުން ކުޑނަމަވެސް ނުކިއްސަރު އަމަލެއް ހިންގައިފި ބަޔަކަށް އިބުރަތުން ފުރިގެންވާ ފަދަ ފިލާވަޅުތަކެއް ދޭ އެމެރިކާއިން އެ މައްސަލާގައި އޭރު އޮތީ ހިމޭނުންނެވެ.

އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރު ހިނގަމުން ދިޔަ ޓުވިން ޓަވަރު ގޮއްވާލުމުގެ އިސް މޭތިރިއެއްކަމުގައި އެ ގައުމުން ގަބޫލުކުރަނީ ސައޫދީ ރައްޔިތެއް ކަމަށްވާ އުސާމާ ބިން ލާދިން އެވެ. މީގެ އިތުރުން އެ ހަމަލާގައި ސައޫދީގެ ރައްޔިތުން ސީދާ ބައިވެރިވި ކަމަށްވެ އެވެ. ނަމަވެސް އެމެރިކާއިން ގޮސް ފުނޑުފުނޑުކޮށްލީ އަފްޣާނިސްތާނެވެ.

ސައޫދީއާ ދޭތެރޭ އެޅި ފިޔަވަޅެއް ނެތެވެ. އެމެރިކާގެ މަދަދާ އެކު އިޒުރޭލުން މުސްލިމުންނާ މެދު ހިންގާ ޖަރީމާތަކުގައި ސައޫދީން މާބޮޑު ވާހަކައެއް ދައްކާ ތަނެއް ނުފެނެ އެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު ދޭހަވަނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އާއި ދީނީ މިނިވަންކަން ދުނިޔެއަށް ފެތުރުމަށް ވަކާލާތު ކުރާ އެމެރިކާ އާއި އެ ހުރިހާ ކަމެއްގެ އިދިކޮޅު ސައޫދީ އަރަބިޔާ ކޮނޑާކޮނޑު ޖައްސައިގެންދާ ތަނެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ ވިހިވަނަ ގަރުނު ފެށިގެން އައި އިރު މުސްލިމް ގިނަ ހިސާބުތަކެކޭ ވެސް އެއްފަދައިން މިހާރުގެ ސައޫދީ އަރަބިޔާ ވެސް އޮތީ ތުރުކީގައި އޮތް އުސްމާނީ ޚިލާފަތުގެ ދަށުގަ އެވެ.

މައްކާއާއި މަދީނާގެ ކަންތައް ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ ހާޝިމް ވަންހައިގެ މީހުނާ އެވެ. އޭރު މައްކާގެ ޝަރީފަކަށް ހުރީ ހުސައިން ބިން އަލީ އެވެ. ހަމަ އެދަނޑިވަޅުގައި މިއަދުގެ ސައޫދީގެ ބައިތަކެއް ކަމަށްވާ ނަޖުދާއި ހިޖާޒުގައި ސައުދު އާއިލާއިން ގެންދިޔައީ ތުރުކީންނާ ދެކޮޅަށް ހަރަކާތްތެރިވަމުންނެވެ.

މި ހަރަކާތުގައި ސައުދު އާއިލާގެ ބައިވެރިޔަކީ މުހައްމަދު ބިން އަބްދުލް ވައްހާބެވެ. ދުވަސްވަރަކީ ފުރަތަމަ ބޮޑުހަނގުރާމައިގެ ދުވަސްވަރެވެ. އެ ހަނގުރާމައިގެ ތެރެއަށް ތުރުކީން ވައްދައި އުސްމާނީ ޚިލާފަތް ބައިބައި ކޮށްލުމުމުގެ މަސައްކަތް އިނގިރޭސީނާއި ފަރަންސޭސީން ދިޔައީ ވަރަށް ބާރަށް ކުރަމުންނެވެ. އޭރު ދުނިޔޭގެ ގަދަ ބާރެއްގެ ގޮތުގައި އޮތް އުސްމާނީ ޚިލާފަތް ނެތިކޮށްލުމަށް އިނގިރޭސިންނާ ފަރަންސޭސިންނަށް ލިބުނު އެންމެ ބޮޑު ބާރަކަށްވީ އަރަބިންގެ ހިތުގައި އޮތް ވަކިވެގަތުމުގެ ރޫހެވެ. މި ރޫހުގެ ބޭނުން ކޮށް މައްކާގެ ޝަރީފު ހުސައިން ބިން އަލީގެ މަދަދު ހޯދައި މަޝްހޫރު އަރަބި ރިވޯލްޓު ހަރަކާތް އުސްމާނީ ޚިލާފަތާ ދެކޮޅަށް ފެއްޓި އެވެ. އިބުނު ހުސައިން މި ހަރަކާތުގައި ބައިވެރިވީ ސިރިޔާގެ އަލިއްޕޯ އިން ފެށިގެން ޔަމަނުގެ އަދަނާ ހަމަޔަށް ދެމިގެންދާ އަރަބިންގެ މުސްތަގިއްލު ރަސްކަމެއް އުފައްދައިދޭނެކަމުގެ ވައުދު އިނގިރޭސިންނާ ފަރަންސޭސިން ކުރުމުންނެވެ.

މައްކާގެ ޝާރީފު އިސްވެ ހުންނަވައި އުސްމާނީ ޚިލާފަތާ ދެކޮޅަށް ހިންގި ހަރަކާތުގައި ސައުދު އާއިލާއިން ބައިވެރިއެއް ނުވެ އެވެ. އޭގެ ބަދަލުގައި އެ މީހުން ގެންދިޔައީ މައްކާ އާއި މަދީނާގެ ކޮންޓްރޯލު ހޯދުމަށް ހަނގުރާމަ ކުރަމުންނެވެ. އިނގިރޭސި ފަރަންސޭސި އިއްތިހާދަށް އުސްމާނީ ޚިލާފަތު ފުނޑުފުޑު ކޮށްލައި މުޅި އަރަބި ދުނިޔެ އެމީހުންގެ ބާރުގެ ދަށަށް ގެނައުމުގައި މައްކާގެ ޝަރީފު ހުސައިން ބިން އަލީގެ ދައުރު ވަރަށް ބޮޑެވެ. އެހެނަސް ހަނގުރާމަ ނިމުނުއިރު ޝަރީފު ހުސައިން ބިން އަލީ އާއި އިނގިރޭސި ފަރަންސޭސި އިއްތިހާދާ ދެމެދު އޮތް ގުޅުން ކެނޑި އިނގިރޭސިންގެ މަދަދު ލިބޭ ގޮތް ވީ ސައުދު އާއިލާ އަށެވެ. ސަބަބަކީ އަރަބިންގެ ބޮޑު ރަސްކަމެއް އުފައްދައި ދޭން ވެފައިވާ ވައުދު ފުއްދަން އިނގިރޭސިންނާ އެމެރިކާ ބޭނުން ނުވުމެވެ.

އޭރު އިނގިރޭސިންނާއި ފަރަންސޭސިން އޮތީ ތުރުކީގެ އަތްދަށުން ވަކިކޮށްލެވުނު އިސްލާމީ ބިން ތައް ދެގައުމުގެ މެދުގައި ބަހާލާނެ ގޮތުގެ ސިއްރު އެއްބަސްވުމެއް އެކުލަވައިލައިފަ އެވެ. އެހެންކަމުން ހަނގުރާމައިގައި އެމީހުނަށް މަދަދު ދިން ޝަރީފުގެ އާއިލާ އެކަހެރި ކޮށްލައި އެމީހުންނާ ދެކޮޅަށް ހަނގުރާމަކުރަމުން ގެންދިޔަ ސައުދު އާއިލާއާ ގުޅުނެވެ. ބޭނުމަކީ އަރަބި ބޮޑު ދައުލަތެއް އުފައްދަން ބޭނުން ހުސައިން ބިން އަލީ މުޅިން ނިކަމެތި ކޮށްލުމެވެ. ބަދަލެއްގެ ގޮތުން އެދުވަސްވަރުގެ ހާލަތަށް ބަލާއިރު އިނގިރޭސިންނާއި ފަރަންސޭސިންނަށް މާބޮޑު ބޭނުމެއް ނެތް، ހިޖާޒު ކަރައިގައި ސައުދީ އަރަބިޔާގެ ނަމުގައި ވަކި ދައުލަތެއް އުފެއްދުމުގެ ފުރުސަތު 1932 ވަނަ އަހަރު ސައުދު އާއިލާ އަށް ލިބުނެވެ. މި ދައުލަތުގެ ފުރަތަމަ ރަސްކަލަކީ އަބްދުލް އަޒީޒު ބިން އަބްދުއްރަހުމާން އަލް ސައުދެވެ.

އިނގިރޭސިންނާއި ފަރަންސޭސިންގެ އެހީގައި ސައޫދީ އަރަބިޔާ އުފެދުނުއިރު އެއީ މާ ބޮޑު ތަނަވަސްކަމެއް ލިބިފައި އޮތް އެހާ މުހިންމު ތަނެއްކަމުގައި ނުވި ނަމަވެސް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އެކަން ބަދަލު ވެގެން ދިޔަ އެވެ. މާޗް 3، 1938 ގައި ގައުމުން ތެޔޮ ފެނުމާއެކު ދުނިޔޭގެ ލޯ އެ ގައުމަށް ހުއްޓުނެވެ. އެންމެ އަވަސް ފިޔަވަޅެއް އެޅީ އެމެރިކާއިންނެވެ. އޭރުގެ އެމެރިކާގެ ރައީސް ފްރެންކްލިން ރޫސްވެލްޓް އާއި ސައޫދީ ރަސްގެފާނު އަބްދުލް އަޒީޒު 1945 ވަނަ އަހަރު މޭ މަހު ސުއޭޒް ކެނަލްގައި ބައްދަލު ކުރައްވައި ތާރީޚީ އެއްބަސްވުމެއްގައި ސޮއި ކުރެއްވި އެވެ. އެ އެއްބަސްވުމުގައި ވާގޮތުން އެމެރިކާ އަށް ބޭނުންވާ ތެޔޮ ސައޫދީން ފޯރުކޮށް ދޭނެ އެވެ. ބަދަލުގައި ސައުދީގެ ސަލާމަތާއި ރައްކާތެރި ކަމަށް އެމެރިކާ ޖާމިން ވާނެ އެވެ.

ދުނިޔޭގެ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާއި ދީނީ މިނިވަންކަމަށް ވަކާލާތު ކުރާ އެމެރިކާއާއި ދުނިޔޭގެ އެންމެ ބޯދާ ނިޒާމުގެ ރަސްކަމަކާއި އިންސާނީ ހައްގުތަކާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ރޮނގުން ވަރަށް ފަހަތުގައި އޮންނަ ކަމަށް ދުނިޔޭގެ ނަގާކިޔާ ފަރާތްތަކުން ސިފަކުރާ ސައޫދީ، ކޮނޑާ ކޮނޑު ޖައްސައިގެން އެކުގައި ދަތުކުރަނީ އިސްވެ ދެންނެވި އެއްބަސްވުމުގެ ހިޔަލުގަ އެވެ. އެއްބަޔަކު އަނެއްބައެއްގެ ހިމާޔަތުގަ އެވެ.