މިމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗައް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާ ތަހުގީގުކުރަން، ހާއްސަ ކޮމިޝަނެއް ރައީސް މުހައްމަދު މުއިއްޒު މިރޭ އުފައްދަވައިފި އެވެ.
މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނިފައި ވަނީ 21 އަހަރުގެ މަރިޔަމް ޔުމުނު ނަމަކަށް ކިޔާ ދިވެހި ޒުވާނެކެެވެ. އޭނާއަށް ލިބިފައިވާ ބޮޑެތި އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް މިރޭ ވަނީ މެލޭޝިޔާއަށް ފުރުވާލައިފަ އެވެ.
މި ހާދިސާ ތަހުގީގުކުރުމުގައި ފުލުހުން ބޮޑެތި ދޮގުތަކެއް ހަދާފައިވާތީ ގިނަ އަދަދެއްގެ ޒުވާނުން ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް އެދި ކޮންމެ ރެއަކު މާލޭގެ މަގުތަކުގައި ސިލްސިލާ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ. މި މުޒާހަރާގައި ތަފާތު 10 ކަމެއް ކުރުމަށް އެ ޒުވާނުން ޑިމާންޑްކޮށްފައިވެ އެވެ.
ޔުމްނުއަށް ދިމާވި ހާދިސާ ތަހުގީގުކުރަން ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ލިބިދޭ އިޚުތިޔާރުގެ ދަށުން؛ ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ހާއްސަ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި އައްޔަންކޮށްފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ، ބްރިގޭޑިއަ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ވ. އަލްމާން އާއި ކަށީގެ ހާއްސަ ޑޮކްޓަ މުހައްމަދު ހަބީބު، ސީސަންމާގެ، ސ. ހިތަދޫ އެވެ.
"2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަކޮމިޝަން" ގެ ނަމުގައި އުފެއްދެވި ކޮމިޝަނުގެ ރައީސެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ޑރ. މުނައްވަރެވެ.
މި ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައި ވަނީ 2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.
ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން މި ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނެނީ؛ (ހ) ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛
(ށ) ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަޙުޤީޤުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
(ނ) ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛
(ރ) ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހާ ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
(ބ) ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން؛
(ޅ) ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގުތައް ކޮށްފައިވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫން ވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި، އެނޫން ވެސް މައުލޫމާތު ހޯދުން.
މި ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު ބަޔާންކޮށްފައިވެ އެވެ.