އިޒްރޭލުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ނުވެގެން އުޅެނިކޮށް ވަރުގަދަ ވެލީގެ ތޫފާނެއް އެގައުމަށް އަރައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުން، ބޯ ވެލީގެ ތޫފާނާއެކު އެގައުމުގެ ބައެއް ސަރަހައްދު ތަކުގެ އުޑުމަތީގެ ކުލަވަނީ ބަދަލުކޮށްލާފަ އެވެ. މިއާއެކު މުޅި ސަރަހައްދު ނުސާފުވެ، ދުރު ނުފެންނަވަރަށް ވަނީ ވެލިން ޖައްވު ފޮރުވާލާފަ އެވެ.

ވެލީގެ ތޫފާނުގެ އަސަރު އެގައުމުގެ ނެގެވްގެ އަސްކަރީ މަރުކަޒަކަށް ކޮށްގެން އުޅޭ ވީޑިއޯއެއްވެސް ދަނީ ދައުރުވަމުންނެވެ. ސިފައިން ތޫފާނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދާ މަންޒަރުވެސް ފެނެ އެވެ.

މި ތޫފާނާއެކު އިޒްރޭލުން މިއަދު ފާހަގަކުރަމުންދާ އެ ގައުމުގެ 77 ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ހުރިހާ ހަފްލާތައް ވަނީ ފަސްކޮށްފަ އެވެ.

ގުދުސް ކައިރީގައި އޮތް ހުސްބިންތަކުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ސަބަބުން އެގައުމުގައި ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ. މި އަލިފާން ނިއްވުމަށް އެހީތެރިވުމަށް އިޒްރޭލުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފަ އެވެ.

އިޒްރޭލުގައި ރޯވެފައިވާ އަލިފާންގަނޑު.

ފާހަގަކޮށްލެވޭ ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ބިން ނުހައްގުން ފޭރިގަނެ، ޣައްޒާއިން މުސްލިމުން ބޭލުމަށް ކުރާ މަސައްކަތުގައި އެތައް މުސްލިމުންނެއް ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި އިޒްރޭލުން މިހާރުވެސް ޣައްޒާއަށް ހަމަލާދެމުންދާއިރު، ފަލަސްތީނަށް އެކި ފަރާތްތަކުން ފޮނުވަމުންދާ އިންސާނީ އެހީއަށް ވެސް ދަނީ ހުރަސްއަޅަމުންނެވެ.