އަނިޔާގެ މާހައުލުން ނުކުމެ، ކުށުގެ ވެއްޓަށް ކުޑަކުދިން ދިއުމުގެ ސަގާފަތެއް އުފެދިފައިވާ ކަމަށާއި، މިކަން ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޔުނިސެފުން އިންތިޒާމުކޮށްގެން ބޭއްވި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ފާހަގަކުރެއްވީ، މިއަދު ކުށުގެ ވެށީގައި ތިބޭ ގިނަ ކުދިންނަކީ ކުރިން އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިން ކަމަށެވެ.

ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ކަންކަން ނިންމާއިރު މި ހަގީގަތް ގަބޫލުކުރަންވާނެ
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު

ސާޖިދާ ވިދާޅުވި ގޮތުގައި، މަރުގެ މައްސަލައެއްގައި ހައްޔަރުކުރެވުނު 14 އަހަރުގެ ކުއްޖަކު ހައްޔަރުކުރެވުމުގެ ކުރިން 191 ފަހަރު ކަމާބެހޭ އިދާރާތަކާ މުޢާމަލާތްކުރެވިފައިވެ އެވެ. އަދި ދިގު މުއްދަތަކަށް ޖިންސީ ގޯނާ ތަހައްމަލުކުރަމުން އައި 15 އަހަރުގެ ކުއްޖަކަށް ދަޢުވާ ކުރެވުނު މައްސަލައެއްގައި، އެތެރެއާއި ބޭރުން އައި ޕްރެޝަރާއެކު އެ ކުއްޖާ މިނިވަންވެފައިވާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

މެޑަމް ސާޖިދާ ވިދާޅުވިގޮތުގައި، މި މައްސަލަތަކުން ދައްކުވައިދެނީ ކުދިންގެ ރައްކާތެރިކަމަށާއި އަވަސް ފިޔަވަޅު އެޅުމުގައި ނިޒާމީ ގޮތުން ފެއިލްވެފައިވާކަމެވެ.

އެގޮތުން، ސްކޫލްތަކާއި، މައިންބަފައިންނާއި، އަދުލު އިންސާފު ގާއިމުކުރާ މުއައްސަސާތަކުން ކުދިންގެ ފަރާތުން ފެންނަ އިންޒާރުގެ ނިޝާންތައް ދެނެގަނެ، އެކަމަށް އަވަސް އިޖާބައެއް ދިނުމަށް އެކަމަނާ ގޮވާލެއްވި އެވެ. އަދި މި މައްސަލައަށް ހައްލު ހޯދުމަށް ގެންގުޅޭ ވިސްނުން ބަދަލުކޮށް، ޢާއިލީ ބައިވެރިވުން ހަރުދަނާކުރުމަށާއި، ޚާއްޞަކޮށް ބައްޕައިންގެ ޝާމިލުވުން އިތުރުކުރުމަށް ބާރުއެޅުއްވި އެވެ.

ނިޒާމުގައި ހުރި އެކިއެކި މައްސަލަތަކުގެ ސަބަބުން ކުށުގެ ވެއްޓަށް ކުދިން ވަނުމަށް ހުރި ފުރުޞަތުތައް ނައްތާލައި، އެ ކުދިން އެ ކަމުގެ ތެރެއަށް ވައްދާ ފަރާތްތައް ޖަވާބުދާރީ ނުވެ ދިއުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން ފަސްޓް ލޭޑީ އެދިވަޑައިގެންނެވި އެވެ.