މުޅި މާލެއިން ކަރަންޓު ކެނޑުނުއިރު ސްޓެލްކޯގެ ޖަނަރޭޓަރުތައް މަރާމާތުނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އެތައް މައްސަލައެއް ފަހަކަށް އައިސް ދިމާވަމުންދެ. ނަމަވެސް މިކަމަށް ސްޓެލްކޯގެ މެނޭޖްމަންޓުން މާބޮޑު ސަމާލުކަމެއް ނުދޭ.

މާލެ ސަރަހައްދުގެ މުޅި ގުރިޑުން ކަރަންޓު ކެނޑުމާއެކު ހަދަންޖެހޭ ޗެކަޕްގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

މިއަދު މެންދުރު އެންމެ ހޫނުގަދަވި ގަޑީގައި މުޅި މާލެ އާއި ހުޅުމާލެ އަދި ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ކަރަންޓު ކެނޑިފަ އެވެ. މިކަމާ ގުޅިގެން އެތައް ހާސް ބަޔަކަށް ވަނީ ބޮޑެތި އުނދަގޫތަކާ ކުރިމަތިވެފަ އެވެ.

މާލެއާއި ހުޅުމާލެ ހިމެނޭހެން މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ 12:30 ހާއިރު އެވެ. އަދި ހުޅުލޭ އެއާޕޯޓުން ވެސް ކަރަންޓު ކެނޑިފައިވެ އެވެ. ކަރަންޓު ދިއުމާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ވެސް ހުއްޓާލާފައިވެ އެވެ.

ސްޓެލްކޯއިން ބުނީ މުޅި މާލެ ސަރަހައްދަށް ގުޅާފައިވާ ގުރިޑުން ކަރަންޓު ކެނޑި، ޓޯޓަލް ބްލެކްއައުޓްއަކަށް ވާތީ، ގުރިޑު އަލުން އެނަޖައިޒްކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޗެކަޕްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާއި ހުޅުމާލޭގެ ޖެންސެޓްތައް އެނަޖައިޒްކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ސްޓެލްކޯ އިން ބުނީ ޖެނެރޭޓަރު ޗެކަޕްގެ ތެރެއިން ޖެނެރޭޓަރުތަކުގައި ތެޔޮ ހުރިކަން ކަށަވަރުކުރުމާއި ސިސްޓަމްތަކުގެ ފިނިހޫނު މިން ހިފެހެއްޓުމަށް ބޭނުންކުރާ ކޫލަންޓް ހުރިތޯއާއި ވައި ފިލްޓަރުކުރާ ނިޒާމު ޓެސްޓްކުރުމާއި ބެޓެރި ޓެސްޓްކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗްއަށް މިހާރު ކަރަންޓު ދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މުޅި މާލެއިން ކަރަންޓު ކެނޑުމާ ގުޅިގެން އިމާރާތްތަކުގެ ލިފްޓްތަކުގައި ވެސް މީހުން ތާށިވެ އެ މީހުން ސަލާމަތްކުރަން އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު އިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ތަހުގީގުކުރަން ފުލުހުން ފެށީ ރައީސް މުހައްމަދު މުއިއްޒު އަންގަވައިގެންނެވެ.

މުޅި މާލެއިން ކަރަންޓު ކެނޑުނުއިރު ސްޓެލްކޯގެ ޖަނަރޭޓަރުތައް މަރާމާތުނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އެތައް މައްސަލައެއް ފަހަކަށް އައިސް ދިމާވަމުންދެ އެވެ. ނަމަވެސް މިކަމަށް ސްޓެލްކޯގެ މެނޭޖްމަންޓުން މާބޮޑު ސަމާލުކަމެއް ނުދެ އެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް އެދި ވިދާޅުވީ މިއަދު މި މައްސަލަ ދިމާވިއިރު ވެސް އިންޖީނަކުން ތެޔޮ ލީކުވުމުގެ މައްސަލައެއް ދިމާވާތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވާ ކަމަށެވެ.

"މި މައްސަލަ ދިމާވީ ސީދާ އެކަމާ ހެދި ދަންނަވާކަށް ނޭނގެ. އެކަމަކު މިހާރު މި އިންޖީނުތައް ހިންގަނީ ވަގުތީ ހައްލު ގެނެސްގެން،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ފަހަކަށް އައިސް ސްޓެލްކޯގެ އިންޖީނުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުނުކުރެވި ކަރަންޓު ކެނޑެނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީގެ ނާގާބިލް ލީޑަޝިޕްގެ ސަބަބުން ކަމަށެވެ.