ދުންފަތުގެ އިސްތިއުމާލު ކުރުމުން ހަށިގަނޑަށް އެކިކަހަލަ ގެއްލުން ވާކަން އެންމެންނަށް އެނގެ އެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ގެއްލުން މާބޮޑު ކަމަށް ދިރާސާތަކުން ވަނީ އެނގިފަ އެވެ.
އާ ދިރާސާ ތަކުން ދައްކާ ގޮތުގައި ހަކުރުބަލީގެ މީހުން، ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އުމުރު ކުރުވެ އެވެ. އާންމު ސިއްހަތެއްގައި އުޅޭ މީހުންނަށް ވުރެ ހަކުރުބަލީގެ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުން މަރުވާ މީހުންގެ އަދަދު ދެގުނަ އިތުރުކަމަށް މި ދިރާސާތަކުން ދައްކަ އެވެ.
ނިއު ޔޯކުގެ "ކްލިނިކަލް ޑައިބެޓީސް ސެންޓަ އެޓް މޮންޓިފިއޮ މެޑިކަލް ސެންޓަރު"ގެ ޑިރެކްޓަރެއް ކަމަށްވާ ޑރ. ޖޮއެލް ޒޮންސްޒެއިން ވިދާޅުވެފައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެންމެނަށް ހުރި ގެއްލުމެއް ކަމަށެވެ. ނަމަވެސް މި އަމަލަކީ ވަކިން ޚާއްސަކޮށް ހަކުރުބަލީގެ މީހުންނަށް ގެއްލުން ބޮޑު އަމަލެއްކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މި ދިރާސާތަކުގެ ނަތީޖާ ދައްކާފައިވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ، ހަކުރުބަލީގެ މީހުން އަވަހަށް މަރުވުގެ ފުރުސަތު ދެގުނަ އިތުރެވެ. ހަކުރުބަލީގެ މީހުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ 13 މީހަކު ހަތް އަހަރު ތެރޭގައި މަރުވެފައިވެ އެވެ.
މިދިރާސާ އިން ދައްކާފައިވާ ގޮތުގައި ހަކުރުބަލި ޖެހިފައިވާ އަންހެނުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ފުއްޕާމޭގެ ކެންސަރު ޖެހޭ މިންވަރު އެފަދަ ފިރިހެނުންނަށް ވުރެން މާ ގިނަ އެވެ.
ހަކުރުބަލީގެ މީހުން، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދިމާވާ މައްސަލަ ތަކުގެ ތެރޭގައި ހަކުރު ލެވެލް ކޮންޓްރޯލު ކުރުމަށް އުނދަގޫވުން ހިމެނެ އެވެ. އަދި ހަކުރު ލެވެލް ހުންނަންޖެހޭ މިންގަނޑުގައި ނުހިފެހެއްޓުމުގެ ސަބަބުން ލޮލުގެ ފެނުން ގެއްލުމާއި، ނާރުތަކުގެ ބާރު ދެރަވުމާއި، ކިޑްނީ ފެއިލްވުމާއި ހިތުގެ މައްސަލަ ޖެހުން ހިމެނެ އެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ ހަކުރުބަލީގެ މީހުންގެ ފުއްޕާމޭގައި ޖަރާސީމު ހެދުމުގެ ފުރުސަތު ބޮޑެވެ. މިކަމުގެ ސަބަބުން ރޯގާ ޖެހުމާއި ކެއްސުން ފަދަ ބަލިތަކުން ފަސޭހަ ނުވެ ގިނަ ދުވަހަށް ދެމިގެންދެ އެވެ. މިފަދަ ގޮތަކަށް ބަލިވުމުގެ ނަތީޖާ އަކަށް ވަނީ، ހަކުރުގެ މިންވަރު ހަށިގަނޑުގައި އިތުރު ވުމެވެ.
ކަން މިހެން ހުރުމާ އެކު ހަކުރު ބަލި ޖެހިފައިވާ މީހުން، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ބަދަލުގައި، ގަވާއިދުން ކަސްރަތު ކުރުމާއި، ހަށިގަނޑަށް ފާއިދާ ހުރި ކާނާ ކެއުމުގެ އިތުރަށް ކޮންމެ ދުވަހަކު ހަކުރު ލެވެލް ހުރި މިންވަރު ޗެކް ކުރުމަކީ އެދެވިގެންވާ ކަމެކެވެ.