ފިލްމީ މަސައްކަތްތަކުގައި މާ ބުރަކޮށް އުޅުމުގެ ސަބަބުން ބޮލީވުޑްގެ ތަރި ސަލްމާން ޚާންއަށް ދިމާވި ސިއްހީ މައްސަލަތައް ކިޔައިދީފި އެވެ.

ސަލްމާން އޭނާގެ ސިއްހަތާ ބެހޭގޮތުން ވާހަކަ ދައްކާފައި ވަނީ ދާދި ފަހުން "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"އަށް މެހެމާނެއްގެ ގޮތުގައި އައިސް ދެއްކި ވާހަކަތަކުގެ ތެރެއިންނެވެ.

ސަލްމާން ބުނީ ފިލްމީ މަސައްކަތްތަކުގެ ތެރެއިން ޖިސްމާނީ އެކި އަނިޔާތައް ލިބުނު ނަމަވެސް އެ ކަންކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓައި މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ.

އެގޮތުން އެކިފަހަރު މަތިން އޭނާގެ އަތްފައި ބިނދި މައިބަދަ ގުޑާފައިވާ ކަމަށާއި ހަމައެއާއެކު ޓްރިގެނެމިއަލް ނިއުރެލްޖިއާ ނަމަކަށް ކިޔާ ބައްޔަކަށް ވެސް ފަރުވާ ކުރަމުންދާ ކަމަށް ސަލްމާން ބުންޏެވެ.

"އެކަމަކު ވެސް މިދަނީ ހަމަ ކުރިއަށް. އެކްޝަން މަންޒަރުތައް ކުޅެން. އެއޮއް ތަނުން ފުންމާލާފަ މިއޮއް ތަނަށް ވެއްޓި ކަހަލަ ގޮތަކަށް މިއުޅެނީ. ނުހިނގުނަސް އެބަ ނަށަން،" ސަލްމާން ބުންޏެވެ.

ސަލްމާންގެ މި ވާހަކަތަކާއެކު ބޮލީވުޑްގައި ހަރަކާތްތެރިވާ ތަރިންނަށް ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ ބަލިތަކުގެ އަޑު އަނެއްކާ ވެސް ވަނީ ގަދަވެފަ އެވެ.

ސަލްމާންގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އޭނާ އެންމެ ފަހުން ފެނިގެންދިޔައީ މިއަހަރުގެ މާޗް މަހު ރިލީޒް ކުރެވުނު ފިލްމު "ސިކަންދަރް" އިންނެވެ.