ހަގީގީ ދިރިއުޅުމުގައި ކައިވެނި ކޮށްގެން އުޅޭ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސޮނާކްޝީ ސިންހާއާއި ޒަހީރު އިގްބާލް އެކީގައި ފެނިގެންދާ ނަފްސާނީ ތްރިލާ ފިލްމު "ތޫ ހޭ މޭރީ ކިރަން"ގެ އޮފިޝަލް ޓްރެއިލާ އާއްމުކޮށްފި އެވެ.

މި ފިލްމުގައި ސޮނާކްޝީ ކިރަންގެ ރޯލުން ފެންނައިރު ޒަހީރު ފެނިގެންދަނީ ސަމަރުގެ ރޯލުންނެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި، ދެމީހުންގެ ދެމެދުގައި އޮތް ގުޅުމާމެދު ދެމީހުން ދެކޭގޮތް މުޅިން ތަފާތެވެ.

ސަމަރު ގަބޫލު ކުރަނީ އެ ދެމީހުންގެ ދެމެދުގައި ހާއްސަ ލޯބީގެ ގުޅުމެއް އޮތް ކަމަށެވެ. ނަމަވެސް ކިރަންއަށް ސަމަރުގެ އަމަލުތަކުގެ ސަބަބުން ނުތަނަވަސްކަމާއި ބިރުވެރިކަން ކުރިމަތިވެ އެވެ.

ކިރަން، ސަމަރުގެ ކިބައިން ސަލާމަތްވުމަށް މަސައްކަތްކޮށް، އޭނާއަށް ގުޅުން ހުއްޓާލުމަށާއި ދުރުގައި ހުރުމަށް އެދެ އެވެ. ނަމަވެސް ސަމަރުގެ އެއް ފަރާތުގެ ލޯބި ވަނީ "އޮބްސެޝަން"އަކަށް ބަދަލުވެފަ އެވެ.

https://www.instagram.com/reel/DeJJ7anC-9m/?utm_source=ig_embed&ig_rid=Atvh8O-ajqaQR5xe1d19xGI

ޓްރެއިލާ ކުރިއަށްދާ ވަރަކަށް، ކިރަންއަށް ތަޖުރިބާ ކުރެވޭ ކަންކަމަކީ ހަގީގަތެއްކަން ނުވަތަ އޭނާގެ ސިކުނޑީގައި ހިނގާ ވަހުމެއްކަން ވަކިކުރަން އުނދަގޫވާ ފަދަ ސަސްޕެންސް މަންޒަރުތަކެއް ފެނިގެންދެ އެވެ.

މި ފިލްމާ މެދު ވާހަކަ ދައްކަމުން ސޮނާކްޝީ ސިންހާ ބުނީ، މިއީ އޭނާގެ ފިލްމީ ހަޔާތުގައި މުޅިން ތަފާތު ތަޖުރިބާއެއް ކަމަށާއި އިންސާނެއްގެ އިހުސާސެއް މަޑުމަޑުން ބަދަލުވެ، މުޅި މީހާ ކޮންޓްރޯލްކޮށްލާ ބިރުވެރި އިހުސާސަކަށް ބަދަލުވާ ގޮތް މި ފިލްމުން ފެންނާނެ ކަމަށެވެ.

މީގެ އިތުރުން ޒަހީރު ބުނީ، އެއް ފަރާތުން ފެށޭ ލޯބި، ބިރުވެރި މިސްރާބަކަށް ދާގޮތް ދެއްކުމަކީ އޭނާ މި ފިލްމަށް ޝައުގުވެރިވި މައިގަނޑު ސަބަބު ކަމަށެވެ.

ކަރަން ރާވަލް ޑައިރެކްޓްކޮށް، ވިޝާލް ރާނާ ޕްރޮޑިއުސްކުރާ މި ސައިކޮލޮޖިކަލް ތްރިލާ ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ތާވަލުކުރެވިފައިވަނީ މިއަހަރުގެ އޮކްޓޯބަރު 23 ގައެވެ. މިއީ ސޮނާކްޝީ އާއި ޒަހީރު ކައިވެނީގެ ފަހުން އެކީގައި ސިނަމާއިން ފެންނާނެ އެންމެ ބޮޑު އެއް ފިލްމެވެ.