ވިލިމާލެއާ ދިމާ ބޭރުން މިއަދު ހަވީރު ލޯންޗަކާއި ދޯންޏެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 16:50 އެހައިކަންހާއިރު އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ވިލިމާލެއާ ދިމާ ބޭރު ކަނޑުމަތީގަ އެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ލޯންޗުގެ ކެޕްޓަނަށާއި އޭގެ ފަޅުވެރިއަކަށެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި، މި ހާދިސާގައި ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.