އިންޑިއާގެ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗު، މަނޯލޯ މަކޭޒް އެ މަގާމުން ވަކިކޮށްފި އެވެ.
ކޯޗު މަކޭޒް ވަކިކޮށްފައިވާކަން އޭއައިއެފްއެފްގެ އެކްޒެކެޓިވް ކޮމެޓީއިން އިން މިދިޔަ ބުދަ ދުވަހު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު އެވެ.
މި ބައްދަލުވުމުގައި ކޮމެޓީގެ މެޖޯރިޓީ އޮތީ އޭނާގެ ކޮންޓްރެކްޓް ނިންމާލުމަށެވެ. މީގެ ކުރިން، މިދިޔަ އަންގާރަ ދުވަހު އޭއައިއެފްއެފްގެ ޓެކްނިކަލް ކޮމެޓީއިން ވަނީ ގައުމީ ފިރިހެން ޓީމަށް އައު ހެޑް ކޯޗެއް އޯޕަން އެޕްލިކޭޝަން މެދުވެރިކޮށް ހޯދުމަށް އެކްޒެކެޓިވް ކޮމެޓީއަށް އަންގައިފަ އެވެ.
އޭނާގެ ކޯޗުކަމުގެ ދައުރު ވޭތުވެފައި ވަނީ 11 މަސްދުވަހަށް ވުރެ ކުޑަ ދުވަސްކޮޅަކަށެވެ. އޭގެ ތެރެއިން 10 މަސްދުވަހު އޭނާ އައީ ގައުމީ ޓީމާއި އިންޑިއާ ޕްރޯ ލީގުގެ އެފްސީ ގޯއާގެ ކޯޗުކަން އެއްފަހަރާ ކުރަމުންނެވެ.
ގައުމީ ޓީމުގައި ޖުމުލަ 8 މެޗު ކޯޗުކަން ކޮށްދީފައިވީ ނަމަވެސް، އޭގެ ތެރެއިން ހޯދުނީ އެންމެ ކާމިޔާބެކެވެ. މި އަހަރުގެ މާޗު މަހު ރާއްޖެއާ ދެކޮޅަށް އެ ޓީމު ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައި 3-0 ނަތީޖާއަކުން ހޯދި ކާމިޔާބެވެ.
މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އިންޑިއާވަނީ ތިން މެޗަކުން ބަލިވެފަ އެވެ. އެއީ ތައިލެންޑް، ހޮންކޮންގް، އަދި ސީރިއާއެކު ކުޅެވުނު މެޗުތަކެވެ. މި މެޗުތަކުގެ އިތުރަށް މެލޭޝިއާ، ވިއެޓްނަމް، މޮރިޝަސް އާއި ދެކޮޅަށް ކުޅުނު މެޗުތަކުން ވަނީ ނަތީޖާ ހަމަހަމަ ވެފަ އެވެ.