ފްލޮރިޑާގެ ހޮލީވުޑް ސަރަޙައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ގެދޮރަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާތީ، އެ ސަރަޙައްދުގައި އަދިވެސް ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން ހޮލީވުޑްގެ ގިނަ މަގުތަކެއްގައި ފެން ބޮޑުވެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފަ އެވެ.

މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ގިނަ އަދަދެއްގެ ވެހިކަލްތައް ހުއްޓި، ބައެއް އުޅަނދުތަކަށް ވަނީ ފެން ވަދެ ގެއްލުންވެފަ އެވެ. މީގެ އިތުރުން، ތިރި ހިސާބުތަކުގައި ހުރި ގެތަކާއި ވިޔަފާރިކުރާ ތަންތަނަށް ފެން ވަދެ، ހިފާގެންގުޅޭ ސާމާނާއި މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ފެންގަނޑު ހިންދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާއިރު، ބައެއް ސަރަޙައްދުތަކުން އަދިވެސް ފެންގަނޑު އެއްކޮށް ނުހިނދޭ ކަމަށްވެ އެވެ.

އެގޮތުން އަލުން ބޯކޮށް ވާރޭވެހިއްޖެނަމަ، ފެންބޮޑުވުމުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އޮތުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އޮފިޝަލުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ހާއްސަކޮށް ފެންބޮޑުވެފައިވާ މަގުތަކުން ދުއްވުމުގައި ސަމާލުވުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ވަނީ އަންގާފަ އެވެ.