ނޭޕާލުގެ އައު ސަރުކާރު މަސައްކަތް ކުރާނީ ޒުވާނުންގެ ވިސްނުމާ އެއްގޮތަށް ކަމަށް ނޭޕާލުގެ އާ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.
ނޭޕާލްގެ އާ ވަގުތީ ބޮޑުވަޒީރު އެމަގަމުގައި ހަ މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ނުހުންނަވާނެ ކަމަށް ވެސް އޭނޭ ވިދާޅުވިއެވެ.
ހުކުރު ދުވަހު ހުވާކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ސުޝީލާ ކާރކީ ވިދާޅުވީ އޭނާ އެ މަގަމާ ހަވާލުވީ މަގާމު ބޭނުންވެގެން ނޫން ކަމަށާއި، އެހެން ނަމަވެސް ގިނަ ބަޔަކު އެކަމަށް އެދުމުން މަގާމާ ހަވާލުވާން މަޖުބޫރިވީ ކަމުަގައެވެ. އަދި އަންނަ އަހަރުގެ މާރޗް 5 ގައި ބޭއްވޭ އިންތިހާބަށްފަހު އުފެދޭ އައު ސަރުކާރާ ބާރުތައް ހަވާލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮރަޕްސަނާ ދެކޮޅު މުޒާހަރާތަކުގައި 70 އަށްވުރެ ގިނަ މީހުން މަރުވެ، ނޭޕާލްގެ ސަރުކާރު ވައްޓާލުމަށްފަހު ކާރކީ ވަނީ ބޮޑު ވަޒީރު ކަމަށް އައްޔަން ކޮށްފައެވެ.
އޭނާ މަގާމަށް ހަމަޖެއްސީ މުޒާހަރާތައް އިންތިޒާމު ކުރި "ޖެން ޒީ" ގެ އިސް ފަރާތްތަކާއެކު އެއްބަސްވުމަކަށް އައުމަށްފަހުގައެވެ.
ކޮރަޕްސަން އާންމުވެ ސޯސަލް މީޑިއާ ޕްލެޓްފޯމްތައް ނޭޕާލުގައި މަނާކުރުމާ ގުޅިގެން ޒުވާނުން މަގުތަކަށް ނުކުމެ މުޒާހަރާތައް ފެށި އެވެ. އެގޮތުން ދެ ދުވަހަށް މުޒާހަރާ ދެމިގެންދިޔައިރު، އެ މުޒާހަރާތަށް ކޮންޓްރޯލް ކުރަން ނުކުތް ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި ދެމެދު ވަނީ ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފަ އެވެ. މި މުޒާހަރާތައް ހަމަނުޖެހުމާއި އަނިޔާވެރިކަމަށް ބަދަލުވެ، ސިޔާސީ އިސް ފަރާތްތަކުގެ ގެތަކަށް ގެއްލުންދީ، ޕާލިމެންޓް ވެސް ވަނީ އަލިފާން ޖަހައި އަންދާލާފަ އެވެ. އޮފިސަލުން ބުނާ ގޮތުގައި މުޒާހަރާގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު 72 އަށް އަރާފައިވެއެވެ. މީގެ ތެރޭގައި 3 ފުލުހުން ހިމެނެއެވެ.
ކުރީގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކާރކީ އަކީ އެ ގައުމުގެ ގިނަ ބައެއްގެ ރުހުން ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭފުޅެކެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރުކަމުގެ 11 މަސްދުވަހުގެ ދައުރުގައި އިތުބާރުނެތް ކަމުގެ މައްސަލައަކާ އޭނާ ކުރިމަތިލައްވަން ޖެހުނެވެ.
ކާރކީ ގެ ވަގުތީ ސަރުކާރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. މީގެ ތެރޭގައި ގާނޫނީ ހަމަތައް އަލުން ގާއިމުކުރުމާއި، ހަމަލާދެވުނު ޕާލިމެންޓާއި އެހެނިހެން މުހިންމު އިމާރާތްތައް އަލުން އިމާރާތްކުރުމާއި، ބަދަލު ގެންނަން ބޭނުންވާ ޖެން ޒީ މުޒާހަރާކުރި ފަރާތްތައް ރުއްސުމާއި، ޑިމޮކްރަސީއާއި ޤާނޫނީ ނިޒާމު ނެތިދާނެ ކަމަށް ބިރުގަންނަ އެހެން ނޭޕާލީންނަށް ޔަގީންކަން ދިނުން ހިމެނެ އެވެ.