ޑެންގޫ ހުން ޖެހި، ރަނގަޅުވެފައިވާ މީހުންގެ ހަށިގަނޑުގަައި ކޮރޯނާވައިރަހާ ދެކޮޅަށް ކޮންމެވެސް ވަރަކަށް ދިފާއީ ބާރު އުފެދިފައި ހުންނަ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ޑޫކް ޔުނިވަސިޓީގެ ދިރާސާވެރިންގެ ނަތީޖާތައް ރޮއިޓާސް އާއި ހިއްސާކޮށްފައިވާ އިރު އެ ދިރާސާގައި ބްރެޒިލްގެ ކޮވިޑް-19 އައުޓްބްރޭކް އާއި ޑެންގޫ ފެތުރުން ވަނީ އެނެލައިޒް ކޮށްފަ އެވެ.

މި ދިރާސާގައި އިސްކޮށް އުޅުއްވި ޑރ. މިގުއެލް ނިކޮލެލިސް ވިދާޅުވި ގޮތުގައި އޭނާގެ ޓީމުން ވަނީ ކޮރޯނާވައިރަސް ފެތުރުނު ހިސާބުތަކާއި 2019 އަދި 2020 ވަނަ އަހަރު ޑެންގޫ ހުން ފެތުރުނު ހިސާބުތައް ބަލައި ދިރާސާކޮށްފަ އެވެ. އަދި އެކަން ބެލުމުން އެނގުނު ގޮތުގައި މިދިޔަ އަހަރާއި މިއަހަރު ގަދަޔަށް ޑެންގޫ ހުން ފެތުރުނު އަވަށްތަކުގައި ކޮރޯނާވައިރަހުގެ ކޭސްތައް ރިޕޯޓުކުރަމުންދާ މިންވަރު ދަށެވެ.

އެހެން ކަމުން ޑެންގޫ ހުން ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި އުފެދޭ އެންޓީބޮޑީސްތަކުން ކޮރޯނާވައިރަހުން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއިން މިވަނީ ދައްކާފަ އެވެ.

ނިކޮލެލިސް ވިދާޅުވި ގޮތުގައި މިކަން ސާބިތުކުރުމަށް އަދި އިތުރު ދިރާސާތައް ހަދަންޖެހޭނެ އެވެ.