ދެ އަހަރާއި ބައިގެ ތެރޭގައި ތ. ވިލުފުށީ އެއާޕޯޓްގެ މަސައްކަތް ނިންމައި ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވިލުފުށި އެއާޕޯޓް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އެވެ.

ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވިލުފުށީ އެއާޕޯޓް އެޅުމަށް ބިން ހިއްކައި އެ ބިން ހިމާޔަތްކުރުމުގެ މަސައްކަތް ވެސް މި ސަރުކާރުން ކުރާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ ރަށު އެއާޕޯޓްގައި އަޅާ ރަންވޭ އަކީ 1800 މީޓަރުގެ ދިގު ރަންވޭއެއް ކަމަށެވެ.

ވިލުފުށީ އެއާޕޯޓްގެ އަމަލީ މަސައްކަތް މާދަމާ ރައީސް މުއިއްޒު މާދަމާ ފައްޓަވާނެ އެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ވިލުފުށީ ކައުންސިލްގެ ރައީސް ހުސައިން ޖަބީން ވަނީ ވިލުފުށީ އެއާޕޯޓާއި ހޮސްޕިޓަލްގެ މަޝްރޫއު އަލުން ފައްޓަވައިދެއްވާ ކަމަށްޓަކައި ރައީސް މުއިއްޒަށް ޝުކުރު ދަންނަވާފަ އެވެ.

އަދި އެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މިދިޔަ ސަރުކާރުގައިކަން ފާހަގަކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ވިލުފުށި ދާއިރާގެ ކުރީގެ މެންބަރު ހަސަން އަފީފަށް ވެސް އޭނާ ޝުކުރުއަދާކުރެއްވި އެވެ.