ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މުޅިން އާ ޑިޖިޓަލް ވޮލެޓެއް މިއަދު ތައާރަފްކޮށްފި އެވެ.
މިއީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު، އަވަހަށް އަދި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެކެވެ. މި ވޮލެޓަށް ކިޔަނީ "ސްވައިޕް" އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ 100 ޕަސެންޓް ދިވެހި އުފެއްދުމެކެވެ. އަދި މި ޑިޖިޓަލް ވޮލެޓަކީ، ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭނެ އުފެއްދުމެއް ކަމަށް އެ ބޭންކުން ބުނެ އެވެ. އަދި މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނިގޮތުގައި ސްވައިޕް ޑިޖިޓަލް ވޮލެޓް އެޕް ބޭނުންކޮށްގެން، ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ހުރެގެން ވެސް ކިއުއާރު ކޯޑު މެދުވެރިކޮށް އަވަސް، ފަސޭހަ އަދި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާ ދެއްކޭނެ އެވެ. އަދި ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް އެމީހުންގެ މަލްޓި- ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ވެސް ބަލާލެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި ދުނިޔޭގެ ކޮންމެ ބޭންކަކުން ނެރެފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެން ވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނޭގެނެ އެވެ. ވިޔަފާރިތަކަށް ވަގުތުން އެކައުންޓަށް ފައިސާ ޖަމާވާ ގޮތަށް ސްވައިޕް ފަރުމާކޮށްފައިވުމުން ވިޔަފާރިވެރިންނަށް ކޭޝް ފްލޯ ބެލެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްގީކޮށްފައިވާ އަދި ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ސްވައިޕަކީ، ބޭރުގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ. އަދި ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އެކި ގައުމުތަކުގެ ކްލައިންޓުން ނުވަތަ ކަސްޓަމަރުންގެ ފަރާތުން ފައިސާ ލިބިގަތުމަށްވެސް ސްވައިޕް އެހީތެރިވެދޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ. ސްވައިޕަކީ ފަތުރުވެރިންނަށް ވެސް ރާއްޖޭގައި ފައިސާ ދެއްކުމަށް ފަސޭހަ ވޮލެޓަކަށް ވާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ސްވައިޕް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަގަ ދައްކަވަމުން ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ސްވައިޕަކީ ޑިޖިޓަލްކޮށް ކުރާ ފައިސާގެ މުއާމަލާތަށާއި މާލީ ދާއިރާގައި ރާއްޖެއަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
"މިއީ ރާއްޖެއާއި ބޭރަށް ފަސޭހަ، ރައްކާތެރި އަދި އަވަސް މާލީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ދިވެހީން ފަރުމާކޮށް ތައްޔާރުކޮށްފައިވާ ވޮލެޓެއް. މު މުހިންމު ހެޔޮ ބަދަލު ގެނެސްދިނުމުގައި ބޭންކުން އިސްކޮށް ހަރަކާތްތެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ޒަމާނީ، އީޖާދީ ހައްލުތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން އަބަދުވެސް ދެމިތިބޭނަން،" ޝަރީފު ވިދާޅުވި އެވެ.
މި އަހަރުގެ ޑިސެމްބަރު މަހު ސްވައިޕް ބީޓާ ޓެސްޓިންއަށް ހުޅުވާލާނެ އެވެ.
ސިނގިރޭޓް މައްސަލައަށް ފަހު ވެސް ކޮރަޕްޓް މުއައްސާތަކުގެ ދިފާއަށް