އިންޑިއާ އިން ހޮންގްކޮންގަށް ދިޔަ ފްލައިޓެއްގައި ދަތުރުކުރި 49 އަށްވުރެ ގިނަ މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އިންޑިއާގެ އެއާލައިނެއް ކަމަށްވާ ވިސްޓާރާ އިން އޮޕަރޭޓް ކުރި މި ފްލައިޓް އިން ދަތުރު ކުރި ގިނަ ބަޔަކު ޕޮޒިޓިވްވުމާއެކު ހޮންގްކޮންގް އިން ވަނީ އިންޑިއާއިން އެ ގައުމަށް ކުރާ ވައިގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
ހޮންގްކޮންގްގެ ކަމާބެހޭ އިދާރާތަކުން ވަނީ އިންޑިއާގެ އިތުރުން ޕާކިސްތާން އަދި ފިލިޕީންސް ހައި ރިސްކު ގައުމުތަކުގެ ގޮތުގައި ކަނޑައަޅާ ދެހަފުތާ ވަންދެން އެގައުމުތަކުން ހޮންގްކޮންގް އަށް ކުރާ ދަތުރުތައް މުޅިން ހުއްޓާލާފަ އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ހޮންގްކޮންގް އިން އަލަށް ފެނުނު ކޭސްތަކާއެކު ލޮކްޑައުންއަކަށް ދާން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.
ހޮންގްކޮންގް އަކީ ދުނިޔޭގެ ނިސްބަތުންވެސް ކޮވިޑް 19 އާ ދެކޮޅަށް ލޮކްޑައުން ގެ އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި ގައުމުތަކުގެ ތެރެއިން ގައުމެކެވެ. -- ރޮއިޓާސް