މިދިޔަ ޖެނުއަރީ އާއި މާޗް އާ ދެމެދު ދުބާއީ އެއާޕޯޓުން 56 ކިލޯގެ މަސްތުވާތަކެތި އަތުލެއިގަނެފައިވާ ކަމަށް އެ ގައުމުގެ ކަސްޓަމްސް އިން ބުނެފި އެވެ.

މީގެ ތެރޭގައި 11.9 ކިލޯގެ މެރުއާނާގެ އިތުރުން 9.6 ކިލޯގެ ކޮކެއިން ހިމެނެ އެވެ.

މި މުއްދަތުގެ ތެރޭގައި އެ ޑިޕާޓްމަންޓުން 3،951 ޑްރަގް ޕިލްސް ހިފައްޓާފައިވާއިރު 8،900 އަށްވުރެ ގިނަ ކަސްޓަމްސް ޑިކްލަރޭޝަން ހަދާފައިވެ އެވެ.

މި ތިން މަހުގެ ތެރޭގައި ހަތަރު މިލިއަން ލަގެޖާއި ދެ މިލިއަން ފަސިންޖަރުން އެ ގައުމުގެ އެއާޕޯޓުތަކުން ހިދުމަތް ހޯދާފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

ޖުމްލް 294 ކަސްޓަމްސް ކޭސް އެއާޕޯޓުތަކުން ފެނިފައިވާއިރު އޭގެ ތެރެއިން 180 ކޭސްތަކަކީ ގާނޫނީ ކުށަކަށް އަރައިގަތުމުގެ ކޭސްތަކެވެ.

ދުބާއީ އެއާޕޯޓުތަކުން ފަސިންޖަރުންނަށް ފަސޭހަ އަދި އަވަސް ހިދުމަތެއް ދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް ބުނަމުން ދުބާއީ އެއާޕޯޓުގެ ޕަސެންޖަ އޮޕަރޭޝަންގެ ޑިރެކްޓަ އިބްރާހީމް ކަމާލީ ވިދާޅުވީ މިކަމަށްޓަކައި އެއާޕޯޓުތަކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރަމުން ދާ ކަމަށެވެ.

ދުބާއީ އިން އަންނަނީ އަންނަ އޮކްޓޯބަރު މަހު އެ ގައުމުގައި އޮންނަ ޓްރެވަލް އެކްސްޕޯ އަށް އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތައްޔާރު ވަމުންނެވެ.