ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު، އިންޑިއާގެ ބޭރުގެ އިންޓެލިޖެންސް އެޖެންސީ—ރިސާޗް އެންޑް އެނާލިސިސް ވިންގް އުފެއްދެވި ރާމޭޝްވަރު ނާތު ކާއޯ (އާރް.އެން. ކާއޯ)ގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން އިއުލާން ކޮށްފި އެވެ.
ކަރަން ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މި ފިލްމު ސިނަމާތަކުގައި އަޅުވާނީ 11 އޯގަސްޓް 2028ގަ އެވެ.
މި ފިލްމު އިއުލާނު ކުރަމުން ކަރަން ވަނީ އާރް.އެން. ކާއޯ އަކީ "ދަ މޭން، ދަ މިތު، ދަ ލެޖެންޑް" ގެ ގޮތުގައި ސިފަކޮށްފަ އެވެ. އޭނާ ބުނެފައިވަނީ އާރް.އެން. ކާއޯ އަކީ "އާރްއޭޑަބްލިއު"ގެ ބާނީ ކަމަށާއި، 1971 ގެ އިންޑިއާ-ޕާކިސްތާން ހަނގުރާމައިގައި އިންޑިއާއަށް ތާރީހީ ކާމިޔާބީއެއް ހޯދައިދިނުމުގައި އިސްކޮށް އުޅުއްވި ބޭފުޅެއް ކަމަށެވެ.
އެއާއެކު "އާރްއޭޑަބްލިއު"ގެ ތާރީހާއި، އެ އެޖެންސީގެ ބާނީ އަދި އެންމެ ފުރަތަމަ މިޝަންގެ ވާހަކަ ސިނަމާތަކަށް އަންނާނީ 11 އޯގަސްޓް 2028 ގައި ކަމަށްވެސް އޭނާ ބުންޏެވެ.
އިތުރަށް ކަރަން ފާހަގަކުރި ގޮތުގައި، މި ފިލްމަކީ ނިތިން ގޯކަލޭ ލިޔެފައިވާ "ޖެންޓްލްމަން ސްޕައިމާސްޓާ" ފޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ.
ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން މި ފިލްމު އުފައްދާނެކަން ފުރަތަމަ އިއުލާނުކުރީ ޖެނުއަރީ 2020ގަ އެވެ. މި ފިލްމުގެ މަސައްކަތް ކުރިއަށްދާތާ 8 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ސިނަމާތަކަށް ނެރޭނެ ރަސްމީ ތާރީހެއް މި އިއުލާނު ކުރެވުނީ އަލަށެވެ.
ނަމަވެސް މި ފިލްމުގައި ހަރަކާތްތެރިވާނެ ތަރިންނާއި ފިލްމުގެ ޑިރެކްޓަރުގެ އިތުރުން ވެސް އެހެނިހެން ތަފްސީލުތައް އަދި ކަރަން ހާމަ ކޮށްފައެއް ނުވެ އެވެ.
އާރް.އެން. ކާއޯ އަކީ؟
ރާމޭޝްވަރު ނާތު ކާއޯ (1918 - 2002) އަކީ އިންޑިއާގެ އިންޓެލިޖެންސް ދާއިރާގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ބޭފުޅާ އެވެ. 1968 ވަނަ އަހަރު، އޭރުގެ ބޮޑުވަޒީރު އިންދިރާ ގާންދީ ވަނީ "އާރްއޭޑަބްލިއު"ގެ ފުރަތަމަ ސެކްރެޓަރީގެ މަގާމަށް ކާއޯ އައްޔަން ކުރައްވާފަ އެވެ. އޭނާ ވަނީ 1977އާ ހަމައަށް އެ އެޖެންސީގެ އިސްވެރިޔާގެ ގޮތުގައި ހިދުމަތް ކުރައްވާފަ އެވެ.
މި ފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކުވައިދޭނީ '"އާރްއޭޑަބްލިއު"ގެ އުފެދިގެން އައިގޮތާއި، އެ އެޖެންސީ ވަރުގަދަ ކުރުމުގައި ކާއޯ ކުރެއްވި މަސައްކަތުގެ އިތުރުން އެންމެ ފުރަތަމަ ހިންގި ސިއްރު މިޝަން ތަކެވެ.
އެންމެ ފަހުން ކުށަށް އިއުތިރާފްވެ އެޑް ޝީރަން މައާފަށް އެދެފި
ޝަކީލާ ދެކޮޅަށް ޕީއެންއެފުން ހުށަހެޅި މައްސަލަ ރަޖިސްޓްރީކޮށްފި
ވެޓެރަން އެކްޓަރު އަނުޕަމްއަށް އޮހާއޯ ސްޓޭޓްގެ ހާއްސަ ޝަރަފެއް!