ކޮވިޑުގެ ތިންވަނަ ރާޅެއް ދިވެހިންގެ ބޮލަށް ބިންދާލަން އުޅޭ ކަމުގެ އިންޒާރުގެ ރަނގަބީލު އަންނަނީ ގަދަވަމުންނެވެ. އިއްޔެ ވެސް އޭގެ ކުރީ ދުވަހު ވެސް ކޮވިޑަށް ޕޮޒިޓިވްވި އަދަދުތައް ދިޔައީ އާ ރެކޯޑު ހަދަމުންނެވެ.

އަހަރަކަށް ވުރެ ގިނަ ދުވަހުގެ ބަންދަކަށްފަހު މާލޭގެ ދިރިއުޅުން އާންމު ހާލަތަށް ބަދަލުވެފައިވާ މިދަނޑިވަޅުގައި އިތުރުވަމުންދާ ޕޮޒިޓިވް ކޭސްތަކާ މެދު ސިއްހީ ދާއިރާގެ ބައެއް ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރި ކަމުގައި ވިޔަސް ރަސްމީ އިދާރާތަކުން ވަކި ޚާއްސަ ފިޔަވަޅެއް އަޅާ ތަނެއް ނުފެނެ އެވެ.

ރާއްޖޭގައި ކޮވިޑުގެ ކޭސްތައް މައްޗަށް ޖެހިލާފައިވާއިރު އަވަށްޓެރި އިންޑިއާގެ ހާލު ވަނީ ކޮންޓްރޯލުން ނެއްޓިފަ އެވެ. ދުވާލަކު އެތައް ލައްކަ މީހުނަށް ބަލި ޖެހި ހޮސްޕިޓަލްތައް ވަނީ ތޮއްޖެހިފަ އެވެ.

ބަލި މީހުނަށް ފަރުވާ ދޭނެ ގޭސް ފަދަ މުހިންމު ވަސީލަތްތައް ނެތި ގައުމުގެ ސިއްހީ ނިޒާމު ބޮއްސުންލުމުގެ ސަބަބުން މަގުމަތީގައި މަރުވަމުންދާ މީހުންގެ އަދަދު ދަނީ ގިނަވަމުންނެވެ.

.އިންޑިއާގެ ކޮވިޑް ހޮސްޕިޓަލެއްގައި ބަލިމީހުންނަށް ފަރުވާ ދެނީ: ހޮސްޕިޓަލްތަކުގައި ފަރުވާ ދޭނެ އޮކްސިޖަނެއް ނެތް

އިންޑިއާގެ ހާލު މިހިސާބަށް ގޯސްވުމުން، ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ އިންޑިއާއިން އެ ގައުމުތަކަށް މީހުން އެތެރެވުން ބަންދު ކޮށްފަ އެވެ. އެންމެ ބޮޑު ސަބަބަކީ އިންޑިޔާގައި މިވަގުތު ފެތުރެމުން ދަނީ ތިން ފަހަރަށް ބަދަލު ވެފައިވާ ކޮވިޑުގެ ވައްތަރެއް ކަމަށް ވެފައި ގައުމުތަކުގައި ހިންގަމުން ގެންދާ ވެކްސިންގެ ޕްރޮގްރާމުން ލިބެމުންދާ ކުރިއެރުން އިންޑިއަން ވޭރިއަންޓުގެ ސަބަބުން ހުއްޓިދާނެތީ އެވެ.

ދުނިޔޭގެ ގައުމުތަކުން އެގައުމުތަކުގެ ބޯޑަރު އިންޑިއާ އަށް ބަންދުކުރި ކުރުން ރާއްޖެއަށް ފެނުނީ މާލީ ނަފާ ހޯދަން އޮތް ފުރުސަތެއްގެ ގޮތުގައެވެ. މިދަނޑިވަޅުގައި ދުނިޔޭގެ އެހެން ގައުމުތަކަށް ދާން ބޭނުންވާ އިންޑިއާ މަސައްކަތު މީހުންނަށް ރާއްޖޭގެ ގޭޓުތައް އިތުރަށް ފުޅާކޮށް، ހުޅުވާލީ ސާދަ ދުވަހުގެ ކަރަންޓީނު ޕެކޭޖެއްގެ ގޮތުގަ އެވެ.

މި ޕެކޭޖުގެ ދަށުން ރާއްޖޭގެ ގެސްޓު ހައުސްތަކުގައި އިންޑިއާ މީހުން ވަރަށް މިނިވަންކަމާއެކު އާންމުންނާ ގައި ގޯޅިވެވޭ ފަދަ ހާލަތެއްގައި އުޅެމުންދާ ކަމުގެ ނުތަނަވަސްކަން ދިވެހިންގެ ގިނަ ބައެއްގެ ހިތުގައި އެބަ އޮތެވެ. ސޯޝަލް މީޑިއާގަ އާއި ނޫސްތަކުގެ ކޮމެންޓް ބައިގައި މި ޝަކުވާތައް ވަރަށް ގަދަޔަށް އަންނަނީ ފޮނުވަމުންނެވެ.

ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އޮތް ނަމަވެސް ދިވެހި ސަރުކާރުން ދެކޭ ގޮތުގައި އިންޑިއާ މީހުން ރާއްޖޭގައި ކަރަންޓީނުވެފައި މަސައްކަތް ކުރާ ގައުމުތަކަށް ދާން އަންނަ އައުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އެކަމުގެ ސަބަބުން ދިވެހި ޓުއަރިޒަމް ކުރިއަރައިގެން ދާނެ ކަމުގައި ޓުއަރިޒަމާ ބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ދެކެވަޑައި ގަންނަވަ އެވެ.

މި މައްސަލައަށް އިޝާރާތް ކުރައްވަމުންސޯޝަލް މީޑިޔާގެ ބައެއް ޕްލެޓްފޯމްތަކުގައި މިނިސްޓަރު މައުސޫމު ވިދާޅުވެފައި ވަނީ ޓްރާންސިޓް ޓޫރިސްޓުންނަކީ ރާއްޖޭގެ ޓޫރިޒަމްގެ ވަރަށް މުހިންމު މާކެޓެއް ކަމަށެވެ.

އާންމު ހާލަތެއްގައި ޓްރާންސިޓް ޓޫރިސްޓުންނަކީ އިންޑަސްޓްރީއަށް ފައިދާ ހުރި މާކެޓަކަށް ވެދާނެ އެވެ. ނަމަވެސް މުޅި ދުނިޔެ އެ ބައްޔަކާ ހަނގުރާމަކޮށް ކާމިޔާބު ނުވެ، ދެއަހަރު ވާން ގާތްވެފައިވާ ބަލިމަޑުކަމެއް ކޮންޓްރޯލް ނުވެ ހައްދު ފަހަނަޅާފައިވާ ގައުމެއްގެ ކަރަންޓީނު ޓޫރިސްޓުންނަށް ގައުމުގެ ދޮރާށި ހުޅުވައިގެން ތިބުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު ކުރާ މީހުން ވަރަށް ގިނައެވެ. އަވަށްޓެރި އިންޑިއާގެ ކޮވިޑް ހާލަތަށް އަހަރެމެން ހަމްދަރުދީ ވަމެވެ. ދިވެހިންގެ ސަލާމަތާ މެދު ސަރުކާރުން ވިސްނާކަށް ނުވޭ ހެއްޔެވެ؟