ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ސިޔާސީ މަގާމެއްގައި ހުރި މީހަކު ހިމެނޭހެން މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރު މީހަކު ގއ. ވިލިގިނލިން ހައްޔަރުކޮށްފި އެވެ.

މިރޭ ފުލުހުން ބުނީ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާޙް ލަޠީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަޙްމަދު މަދީޙު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޡާމް (35އ) ކަމަށެވެ.

އޭގެ ތެރެއިން އަހުމަދު އަނާން އިބްރާހީމް އަކީ މި ސަރުކާރުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރެއްކަން ވަނީ އެނގިފަ އެވެ. އޭނާ އަކީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާރ ޕޮލިޓިކަލް ޑިރެކްޓަރެކެވެ. އަނާން އަކީ މީގެ ކުރިންވެސް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ބުލީ ކުރި މައްސަލައެއްގައި ހިމެނުނު މީހެއް ކަންވެސް "ހުރިހާ" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ފުލުހުން ހައްޔަރުކުރި އަނާން އަކީ ސިޔާސީ މަގާމެއްގައި ހުރި މީހެއް --- ފޮޓޯ: ސޯޝަލް މީޑިއާ

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.