ކޮލަމްބޯ (24 އޭޕްރީލް) - 2019 ވަނަ އަހަރު ސްރީލަންކާގައި ދިން އީސްޓާ ހަމަލާތަކުގެ ތުހުމަތުގައި އެ ގައުމުގެ ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރިޝާދު ބަތީއުއްދީން އާއި އޭނާގެ އާއިލާ މެމްބަރަކު ހައްޔަރުކޮށްފި އެވެ.

ސްރީލަންކާގެ ފުލުހުންގެ ތަރުޖަމާނު އަޖިތު ރޮހާނާ ވިދާޅުވީ އެ ދެމީހުން ހައްޔަރުކުރީ ޓެރަރިޒަމް ހުއްޓުވުގެ ގާނޫނުގެ ދަށުން އެ ހަމަލާތަކާ އެ މީހުންގެ ގުޅުން ހުރިކަން ސައިންޓިފިކް ހެކިތަކަށް ބިނާކޮށް ކަމަށެވެ. އެ މީހުން ހައްޔަރު ކޮށްފައިވަނީ ކޮލޮމްބޯގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހޮނިހިރު ދުވަހު ހެނދުނު އެވެ.

ބަތީއުއްދީން އާއި އޭނާގެ ކޮއްކޮ ހައްޔަރު ފުލުހުން ހައްޔަރު ކޮށްފައި މިވަނީ މި ހަމަލާތަކުގެ ތަހުގީގު ލަސްކުރުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް އެ ގައުމުގެ ރޯމަން ކެތޮލިކް ފައްޅީގެ އިސް މީހަކު ތުހުމަތު ކުރިތާ ތިން ދުވަސް ފަހުންނެވެ.

މިހަމަލާތަކާ ގުޅިގެން 2019 ވަނަ އަހަރު 200 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައި ވާއިރު، އެއްވެސް މީހަކަށް އަދި ދައުވާ ކޮށްފައެއް ނުވެ އެވެ.

ނަސާރާއިންގެ އީދެއް ކަމަށްވާ އީސްޓާ ސަންޑޭ އާ ދިމާކޮށް ކޮލޮމްބޯގެ އެކި ސަރަހައްދުތަކުގައި ހުރި ހޮޓަލްތަކަކާއި ފައްޅިތަކަކަށް ދިން ސިލްސިލާ ހަމަލާތަކުގައި 269 މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުން ޒަހަމް ވެފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ އީސްޓާ ސަންޑޭ ފާހަގަކުރަން ޖަމާވެ ތިބި އާއްމުންނެވެ. -- އަލް އަރަބިޔާ