ދިވެހިންގެ ތެރޭގައި އަމިއްލަ މާދަރީ ބަހުގެ ހާލަތު ދަށްވަމުންދާކަމުގެ އިހުސާސް ކުރެވޭކަމުގެ ޝަކުވާ ކުރާ މީހުން އަންނަނީ ގިނަވަމުންނެވެ. ބަހަށް ވަމުންދާ ގޮތާ މެދު އެކި ކަހަލަ ޚިޔާލު ފާޅުކޮށް އެކި ކަންކަމަށް އިނގިލި ދިއްކުރާ މަންޒަރު މިހާރު އަންނަނީ އިތުރު ވަމުންނެވެ.
ގިނަ ބަޔަކު އެ ކަންބޮޑުވުން ފާޅުނުކުރި ކަމުގައި ވިޔަސް އެ މަޑުމޮޅި އިހުސާސް ވަނީ ކޮންމެ ގެއެއްގެ ކޮންމެ ކޮޓަރިއެއްގެ ތެރޭގައި ހަރުލާފަ އެވެ. އަހަރެމެންގެ ދަރިންނާ ދިވެހި ބަހުން ކުރާ ސުވާލަށް އިނގިރޭސި ބަހުން ޖަވާބު ދިނުމާއި އަހަރެމެން ދަނެ ފަރިތަ ބަސްބަހުގެ މާނަ ހޯދުމަށް އެ ކުދިން އުޅެން ޖެހޭ ގޮތާއި ބޭރު ބަސްބަހުން ހުންނަ ޖޯކްތަކަށް އެ ކުދިންނަށް ފަސޭހައިން ހެވޭ ގޮތް ވާތަން ފެނުމަކީ ބައެއް މީހުންގެ ނަމަވެސް ހިތަށް އަސަރު ކުރުވާ ކަމެކެވެ. އެ އަލާމާތްތަކަކީ ބަހެއް މަރުވެ ދިއުމުގެ ފެށުމެވެ. ނޭނގި ތިއްބާ ބަސް ނެތި ހިނގައިދާނެކަމުގެ އިންޒާރެވެ. އެ ސިގުނަލް އެނގި ފަހުމު ވާނީ އެކަމާ ވިސްނާ ބަޔަކަށެވެ. ގިނަ ބަޔަކަށް ރޭކާ ލާއިރު ބަސް އޮންނާނީ މަރުވެފަ އެވެ. ވަގުތު އޮންނާނީ ފާއިތު ވެފަ އެވެ.
އަހަރެމެން އެ ބަހަކާ އެކު ބޮޑުވި ބަސް
ދިވެހި ބަހަކީ ހަމަ އެކަނި ބަހެއް ނޫނެވެ. އެއީ އަހަރެމެން އެ އަޑުތަކާ އެކު އުޅެ ބޮޑުވި ހަނދާންތަކެވެ. ރަށްފުށުގެ ދިރިއުޅުމުގެ އަޑެވެ. މައިން ބަފައިން ކިޔައިދިން ނާނާތަކުގެ ރާގެވެ. މުސްކުޅިންގެ ކިބައިން ވާރުތަވި ސަގާފަތުގެ ދިރުމެވެ. ދިވެހިންގެ ހިތުގައި ވިންދު ޖަހާ ލޭގެ ހިނގުމެވެ.
މިއަދުގެ ހަގީގަތަކީ ބޮޑުވަމުން އަންނަ ޒުވާން ޖީލަށް ދިވެހި ބަހަކީ އެހެން ބަހެއްގެ މިލްކެއްކަމުގެ އިހުސާސްވުމެވެ. އެއީ މުސްކުޅިންގެ ބަސް ކަމުގެ އިހުސާސްވުމެވެ. ހިތާމަޔަކީ އެއް އިރެއްގައި އަހަރެމެންގެ ދިރިއުޅުމުގެ ކޮންމެ ހިސާބަކަށް ވެސް ހެޔޮވަރަށް ފެތުނު ދިވެހި ބަސް އަދުގެ ޒުވާން ޖީލުތަކަށް، ބީރަށްޓެހި އެ މީހުނަށް ބޭނުންކުރަން އުނދަގޫ ބަހަކަށް ވުމެވެ. ބަހުގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި އެއީ ބަހެއް މަރުވެ ދިއުމުގެ އަލާމާތެވެ.
ދިވެހި ބަސް މިފެންވަރަށް ވެއްޓުނީ ކިހިނެއް؟
މިހާރު މިއޮތް ހާލަތަށް ބަސް އައީ އެއް ދުވަހަކުން ދެ ދުވަހަކުން ނޫނެވެ. އެކަން ހިނގީ އަހަރެމެން މަޑުމަޑުން އިޚުތިޔާރު ކުރަމުން އައި ކުދިކުދި ބަދަލުތަކެއްގެ ސަބަބުންނެވެ. ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ތައުލީމު ހޯދުމަށްޓަކައި އަހަރެމެންގެ ސްކޫލުތަކުގެ މުގައްރަރު އިނގިރޭސި މީޑިއަމަށް ބަދަލު ކުރީމު އެވެ. ކުދިންގެ އިނގިރޭސި ފެންވަރު ރަނގަޅު ކުރުމުގެ ނިޔަތުގައި ނަމަވެސް ގޭތެރޭގައި ކުދިންނާ އިނގިރޭސި ބަހުން ވާހަކަ ދެއްކީމު އެވެ. އިނގިރޭސިން މޮޅުވުމަކީ ފަޚުރެއްކަމުގައި އިހުސާސް ވާގޮތަށް ކުދިންނަށް ހިތްވަރު ދިނީމު އެވެ. ޔޫޓިއުބާއި ޓިކްޓޮކްގެ އިތުރުން މުނިފޫހި ފިލުވުމަށްޓަކައި ތަފާތު ގޭމްތަކަށް ކުދިން އަހުލުވެރި ވުމަށް ފުރުސަތު ދިނީމު އެވެ.
ހަގީގަތުގައި ކުދިން ދިވެހި ބަސް ދޫކޮށްލީ އެއް ނޫނެވެ. ބޮޑެތި މީހުން، މަޑު މަޑުން ދެމުން ގެންދިޔަ ސިގްނަލްތައް އެ މީހުން ބަލައިގަތީ އެވެ.
އެންމެ ބޮޑު މައްސަލަ
ބަހަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގެ ސްކޫލްތަކުގައި އިނގިރޭސި ބަހުން ކިޔަވައި ދިނުން ކަމަށް ވަރަށް ގިނަ ބަޔަކަށް ހީވެ އެވެ. އެހެން ނަމަވެސް އިނގިރޭސި ބަހުން ކިޔަވައި އުނގެނި ދުނިޔޭގެ ފެނަވަރުގެ ބޮޑެތި ފަންނާނުން ރާއްޖޭގައި އުފެދިފައި ވާއިރު އެ މީސް މީހުންނަކީ ދިވެހި ބަހަށް ވެސް އެންމެ މޮޅު މީހުންނެވެ. ރާއްޖޭގެ ތާރީޚުގައި އުފެދުނު ގިނަ އަދީބުންނާއި ޅެންވެރީންނާއި ލިޔުންތެރީންނަކީ ބޭރު ބަސްބަހުން އިލްމު އުނގެނިވަޑައިގެންނެވި ބޭފުޅުންނެވެ.
ފަހުގެ ތާރީޚަށް ބަލާއިރު އިބްރާހިމް ޝިހާބާއި މައުމޫނު އަބުދުލް ގައްޔޫމާއި މުހައްމަދު ޒާހިރު ހުސެއިން ފަދަ ބޭބޭފުޅުންނަކީ އެ ބޭފުޅުންގެ ތައުލީމީ ހަޔާތް ބޭރު ބަސްބަހުން އިލްމު އުނގެނި ވަޑައިގަތުމުގައި ހޭދަ ކުރެއްވި ބޭފުޅުންނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ދެ ބަހަކުން ވާހަކަ ދެއްކަން އެނގުމަކީ ކުދިންގެ ސިކުންޑި ރަނގަޅުވެ، ވިސްނުން ތޫނުވާ ކަމެކެވެ.
އެހެންކަމުން ވަކި ބަހަކުން ކިޔެވުމާއި ދިވެހި ބަހަށް ކޮށިވުމާ މާ ބޮޑު ގުޅުމެއް އޮތް ކަމަށް ނުފެނެ އެވެ. ހަގީގަތުގައި މިއަދުގެ ތުއްތު ކުދިން މާދަރީ ބަހާ ދުރުވާ ސަބަބަކީ ސޯޝަލް މީޑިއާ އާއި ގޭމްތަކެވެ. ޔޫ ޓިއުބާއި ޓިކްޓޮކާއި ދެވި ހިފާ ފަދަ ގޭމްތަކުގެ ސަބަބުން ތުއްތު ކުދިންނަށް އެންމެ ފުރަތަމަ ވާހަކަ ދައްކަން ދަސްވަނީ ވެސް އިނގިރޭސިންނެވެ. މިއަދުގެ ތުއްތު ކުދިން ސްކޫލަށް ދާން ފެށުމުގެ މާ ކުރިން ސާފު އިނގިރޭސި ބަހުން ވާހަކަ ދައްކަން ފަށަ އެވެ. ނޭނގި ނަމަވެސް ތުއްތު ކުދިންގެ އަތަށް ދެވޭ ފޯނާއި އައިޕެޑުގެ އެހީގައި އިނގިރޭސި އަކުރު ދަސްކުރާ ލަވަތައް ފަދަ އެއްޗެހީގެ ޒަރީއާއިން އެމީހުން އިނގިރޭސި ބަސް ދަސްކުރެ އެވެ. މައިން ބަފައިން ދައްކާ ވާހަކައަށް ޖަވާބު ދެނީ އިނގިރޭސިންނެވެ. ދައްކަން ނޭނގުނަސް އެކިޔާ އެއްޗެއް ނޭނގޭ މައިން ބަފައިނެއް ވެސް ނޫޅެ އެވެ.
އެހެން ކަމުން މައިން ބަފައިން ދިވެހިން ދައްކާ ވާހަކައަށް ކުދިން އިނގިރޭސިން ޖަވާބު ދިނުން މައްސަލައަކަށް ނުހެދުމުގެ ނަތީޖާއެއްގެ ގޮތުން ސްކޫލަށް ދާއިރު ކުދިން ތިބެނީ އިނގިރޭސި ބަހުން ވާހަކަ ދައްކަން ފަރިތަ ވެފަ އެވެ. ހަގީގަތުގައި އެއީ އިނގިރޭސި ބަސް އެނގުމެއް ވެސް ނޫނެވެ. މި ޒަމާނުގެ ޅަފުރާގެ ކުދިންގެ ވާހަކަ އަޑު އިވުމުން އެ މީހުންގެ ބަސްމަގަކީ ކޮޕީކޮށްފައި ހުންނަ ބަސްމަގެއް ކަން އެނގޭނެ އެވެ. ގޭމްތަކާއި އެޕްތަކުން އިވޭ އެއްޗެއްގެ ބޭރުން އިތުރު ތަރައްގީއެއް އެ ބަސްމަގަކަށް ނާދެ އެވެ. މިއީ ހަމަ އެކަން މި ރާއްޖެއަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫނެވެ. މި މައްސަލަ ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ދިމާވެ އެވެ. ޚާއްސަކޮށް އަމިއްލަ ބަހުން ގޭމްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް ތަރައްގީ ނުކުރެވޭ ގައުމުތަކަށް މި މައްސަލަ ބޮޑެވެ. އެހެންކަމުން ދިވެހި ބަހަށް ކުދިން ބީރައްޓެހިވެގެން އުޅުމާ ސްކޫލާ މާބޮޑު ގުޅުމެއް ނެތްކަމާއި އެކަމުގެ އެންމެ ބޮޑު ޒިންމާ އެޅުވެން އޮތީ ފޯނާއި ޓެބްލެޓުގެ ބޮލުގައި ކަން ޔަގީނެވެ.
ހައްލަކީ ކޮބާ؟
ދިވެހި ބަސް އޮތީ މަރުގެ ތުންފަތް މަތީގައި ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ބަސް މަރުވަނީ ބަހުގެ އަހުލުވެރިން އެ ބަހުން ވާހަކަ ދެއްކުން ހުއްޓާލުމަކުން ނޫނެވެ. އޭގެ ބަދަލުގައި އެ ބަހަކުން ދައްކާ ވާހަކައިން ހިތަށް އަސަރުކޮށް އިހުސާސް ވުން ހުއްޓުމުން ބަސް މަރުވީ އެވެ.
ދެން އޮތީ އެ ބަސް ސަލާމަތް ކުރަން ބޭނުން ނަމަ ކުރަން ޖެހޭ މަސައްކަތެވެ. ބަސް ސަލާމަތް ކުރަން ބޭނުން ނަމަ އެ މަސައްކަތް އަވަސް ކުރަން ޖެހެ އެވެ. މިކަމަށްޓަކައި ކުރަންވީ ކަންތައް ގިނަ އެވެ. ކުދި ކުދި ކަންތަކުން ބޮޑެތި ބަދަލު ފެންނާނެ އެވެ. ގޭގައި އެ ކުދިންނާ ދިވެހިން ނޫން ގޮތަކަށް ވާހަކަ ދެއްކުން ހުއްޓާލާށެވެ. ދިވެހި ބަހުން އެ ކުދިންނަށް ވާހަކަ ކިޔައިދޭން ފަށާށެވެ. މަޖާ ވާހަކަ އާއި ބިރުވެރި ވާހަކަ އެވެ. ކާބަފައިންގެ ގުރުބާނީތަކާއި އެ މީހުންގެ ދިރިއުޅުމުގެ ވާހަކަ ދިވެހި ބަހުން ކިޔާ ދޭށެވެ. އެއީ ގޭތެރޭގައި ކުރެވޭނެ ކަންކަމެވެ.
ގައުމީ ފެންވަރުގައި ކުޑަކުދިންނާ ގުޅޭ ބަހުގެ ޕްރޮގްރާމް ހިންގަން ޖެހެ އެވެ. އަޑު އަހާ ހިތްވާ މިއުޒިކާއި ލަވަ ސާފު ދިވެހި ބަހުން ހުންނަން ޖެހެ އެވެ. ދިވެހި ބަހުގެ އަދަބިއްޔާތަށް އަހުލުވެރި ކުރުމަށް ތަފާތު ހަރަކާތްތައް ހިންގަން ޖެހެ އެވެ. ހެދުން އެޅުމާއި ފެޝަން ޝޯއަކުން ނޫނެވެ. މުއާސަލާތު ކުރެވޭ ފަދަ ހަރަކާތްތަކެވެ. އެކަންތަކުން ޅަދަރީންގެ ހިތަށް ހަމަޖެހުން ގެނެސްދޭ ފަދަ ކަންތައްތަކެއް ކުރަން އެބަ ޖެހެ އެވެ. އެކަން ކުރެވޭނީ ސަރުކާރާއި ރައްޔިތުންނާއި އާއިލާތައް ގުޅިގެންނެވެ.
ގުޅިގެން ރަނގަޅު މިސްރާބަށް މަސައްކަތް ކޮށްފިނަމަ ދިވެހި ބަސް އަދިވެސް ސަލާމަތް ކުރެވިދާނެ އެވެ.
އެހެން ގައުމުތަކަށް ހިޖުރަކުރި ބޮލީވުޑް ތަރިން!
އެއް އައިޑީ ކާޑު ބޭނުންކޮށްގެން ނެގޭނީ 2 މަސްދަޅު ކޭސް
ބައިގެންދިޔަ ކުއްޖާގެ މަރާ ގުޅިގެން އޮޓޮޕްސީ ހަދައިފި