ތައިލެންޑުގައި އިއްޔެ ބޭއްވުނު އާންމު އިންތިހާބުގެ ކުރީގެ ނަތީޖާތައް ދައްކާގޮތުން، ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލްގެ ބޫމްޖައިތައި ޕާޓީ ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.
ތައިލެންޑުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ތިން ޕާޓީއެއްގެ މެދުގައި އޮތް މި ވާދަވެރިކަމުގެ ތެރެއިން އެއްވެސް ޕާޓީއަކަށް ސާފު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ނުބެލެވޭތީ، ސިޔާސީ ހަމަނުޖެހުންތައް ދިގުލައިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ވޯޓު ފޮށިތަކުގެ ގާތްގަނޑަކަށް 30 އިންސައްތަ ގުނާ ނިމުނުއިރު، ބޫމްޖައިތައި ޕާޓީ އޮތީ އެންމެ ކުރީގަ އެވެ. ދެވަނައިގައި ޕީޕަލްސް ޕާޓީ އޮތްއިރު، ތިންވަނައިގައި އޮތީ ފިއު ތައި ޕާޓީ އެވެ.
މި އިންތިހާބަކީ ކެމްބޯޑިއާއާއެކު އޮތް ބޯޑަރުގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި، ގައުމީ ރޫހުގެ ބޭނުން ހިފައިގެން އަނޫޓިން ކުއްލި ގޮތަކަށް އިއުލާން ކުރެއްވި އިންތިހާބެކެވެ.
ވޯޓުލުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ބޮޑުވަޒީރު އަނޫޓިން ވިދާޅުވީ، ޕާޓީގެ ފަރާތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައިވާ ކަމަށާއި، ރައްޔިތުން އެ ޕާޓީއަށް އިތުބާރު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަނޫޓިން ވެރިކަމާ ހަވާލުވެވަޑައިގަތީ ކުރީގެ ބޮޑުވަޒީރު ޕައެޓޮންގްޓާން ޝިނަވަޓްރާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
މި އިންތިހާބުގައި ވާދަކުރާ ޕީޕަލްސް ޕާޓީއަކީ އިސްލާހީ ބަދަލުތަކަށް ވަކާލާތުކުރާ ޕާޓީއެކެވެ. އެ ޕާޓީން އިންތިހާބުގެ ކުރިން ނެގުނު ހިޔާލު ހޯދުމުގެ ވޯޓުތަކުގައި ކުރީގައި އޮތް ނަމަވެސް، 2023 ވަނަ އަހަރުގެ އިންތިޚާބުގައި އެ ޕާޓީގެ ކުރީގެ ގޮފި، މޫވް ފޯވާޑް ޕާޓީއަށް ދިމާވި ފަދަ ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެބައޮތެވެ.
ބެންކޮކްގެ ޗުލަލޮންގްކޯން ޔުނިވާސިޓީގެ ސިޔާސީ މާހިރު ތިތިނާން ފޮންގްސުދިރަކް ވިދާޅުވި ގޮތުގައި، މި އިންތިހާބަކީ ތައިލެންޑުގެ ސިޔާސީ އަދި އިގްތިސާދީ ހީނަރުކަމުން އަރައިގަނެވޭނެތޯ ބެލުމަށް އޮތް ފުރުސަތެކެވެ. ނަމަވެސް، މިހާރު ފެންނަ ނަތީޖާތަކަށް ބަލާއިރު އެ ހާލަތުން އަރައިގަނެވޭނެ ކަމުގެ އުންމީދު ކުޑަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އިއްޔެ ހެނދުނުން ފެށިގެން ވޯޓުލާ މަރުކަޒުތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ކިއޫ ހަދާފައިވެ އެވެ. ވޯޓުލީ ބައެއް މީހުން ބުނި ގޮތުގައި، އެމީހުން ބޭނުންވަނީ ގައުމަށް ބަދަލެއް ގެނައުމަށެވެ.
ތައިލެންޑުގެ ގާނޫނު ހަދާ މަޖިލީހުގެ 500 ގޮނޑިއަށް މެންބަރުން ހޮވުމަށް ބޭއްވި މި އިންތިޚާބުގެ ފައިނަލް ނަތީޖާ ލިބުމުން، ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށިގެންދާނެ އެވެ.
އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭނެ ގޮތް މަޖިލީހުން ހަދައިފި
ސަރުކާރުގެ އައިނު ފިހާރައެއް އައްޑޫގައި ހުޅުވައިފި
މި މަހު މަރުވި ދެ ގައިދީންގެ އޮޓޮޕްސީ ހަދަނީ