މި ގައުމުގެ ރައްޔިތުން ރައީސް މުހައްމަދު މުއިއްޒަށް ވެރިކަން ދިނީ މި ގައުމަށް ހިތުހުރި ގޮތެއް ހަދަން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޒާކިރު ވިދާޅުވީ ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމްގެ 30 އަހަރުގެ ދިގު ވެރިކަމުގައި ވެސް ރައްޔިތުންނަށް ނުގެއްލޭ މިންވަރަށް، ރައީސް މުޢިއްޒުގެ މިވީ ކުރު މުއްދަތުގެ ތެރޭގައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށެވެ.
މައުރޫފް ވިދާޅުވީ ރައީސް މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ގާތްގަނޑަކަށް 15،000 ވޯޓުގެ ތަފާތަކުން ކަމަށާއި ރައްޔިތުންގެ އަޣުލަބިއްޔަތު އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ. ރައީސް މުޢިއްޒަށް ވެރިކަން ލިބުމަކީ މި ގައުމު ހިތުހުރި ގޮތަކަށް ހެދުމަށް ރައްޔިތުން އެމަނިކުފާނަށް ދިން ލައިސަންސެއް ނޫން ކަމަށް މައުރޫފް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތަކާއި މެނިފެސްޓޯއާ އެމަނިކުފާނު ހިލާފުވަމުންދާކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ ގާނޫނު އަސާސީ ރޫޅާލުމާއި، އިންތިޚާބުތައް އެއްކޮށްލުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި އޮތް ކަންކަން ނޫން ކަމަށެވެ. އަދި އިންޑިއާ އައުޓް ކުރުމާއި، ޗާގޯސް ހޯދުމާއި، ފްލެޓާއި ގޯތި ދޭނެ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށްވެސް މައުރޫފް ތުހުމަތު ކުރެއްވި އެވެ.
އެގޮތުން މައުރޫފު ވަނީ ރައީސް މުއިއްޒަކީ މިހާރު ލެޖިޓިމަސީ ނުވަތަ ގާނޫނީ ސައްހަކަން އޮތް ވެރިއެއް ނޫން ކަމަށް ވެސް ވިދާޅުވެފަ އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ދަނީ ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ބާރުތައް ފުނޑާލަމުން ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހާއި، ސުޕްރީމް ކޯޓާއި، އިލެކްޝަންސް ކޮމިޝަން ފަދަ ތަންތަނުގެ ބާރު ކަނޑުވާލާފައިވާ ކަމަށް އޭނާ ތުހުމަތު ކުރައްވާފައިވެ އެވެ.
މައުރޫފް އިތުރަށް ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ރައްޔިތުންގެ ހައްގުތަކަކީ އެމްޑީޕީން ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްގެން ހޯދާފައިވާ ހައްގުތަކެއް ކަމަށެވެ. އަދި މި ހައްގުތައް ހިމާޔަތް ކުރުމުގެ ޒިންމާ އެމްޑީޕީގެ ބޮލުގައި އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައުރޫފް ވަނީ ސަރުކާރުން ކުރަން އުޅޭ ކަންކަމާ ދެކޮޅަށް މާލޭގެ މަގުތަކަށް ނުކުމެ ބޮޑެތި މުޒާހަރާތައް ބޭއްވުމަށާއި، ދެ އިންތިހާބު އެއްކޮށްލުމަށް ބާއްވާ ރިފަރެންޑަމަށް ނޫނެކޭ ބުނުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.
ގާޒާ އާރާސްތު ކުރަން އެހީވުމަށް ފީފާ އާއި ބީއޯޕީ އެއްބަސްވެއްޖެ
ހިޔާ ޓަވަރުތައް ވެސް ކުނި އަޅާ ގޮނޑުކުރަނީ
ޓްރަމްޕްގެ ވީޑިއޯ ހުރިކަމަށް ބުނެ އިރާންގެ ހެކަރުންގެ އިންޒާރެއް