ދިއްލީ (29 އޭޕްރީލް) - އިންޑިއާގައި 18 އަހަރުން މަތީގެ ހުރިހާ މީހުން ވެކްސިން ޖަހަން ރަޖިސްޓްރީވުމަށް ބުދަ ދުވަހު ހުޅުވާލި ފުރުސަތުގައި 10 މިލިއަނަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

މެއި މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވެކްސިންގެ ތިންވަނަ ޕްރޮގްރާމްގައި ރަޖިސްޓްރީ ކުރެވެނީ އިންޑިއާގެ ކޮވިޑަށް ހާއްސަ ވެބްސައިޓް ކޯ-ވިން މެދުވެރިކޮށް ކަމަށްވާއިރު، އެ ވެބްސައިޓަށް މިނެޓަކު 2.7 މިލިއަން ހިޓްސް ލިބޭކަމަށް ސަރުކާރު އިދާރާތަކުން ބުނެ އެވެ.

ރަޖިސްޓްރީ ވެފައިވާ މީހުންނަށް އެޕޮއިންޓްމަންޓް ދިނުމުގައި ބަލާނީ ސްޓޭޓްތަކަށް ދީފައިވާ ސްލޮޓްތަކަށް ކަމަށް އިދާރާތަކުން ބުނާއިރު އެޕޮއިންޓްމަންޓް ސްލޮޓްތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

އިންޑިއާގައި ޖެނުއަރީ މަހުން ފެށިގެން ވެކްސިން ޖެހުން ކުރިއަށް ދާއިރު މިއީ 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހަން ހުޅުވާލި ފުރަތަމަ ފަހަރެވެ.

އެ ގައުމުގައި މިހާތަނަށް ބޭނުން ކުރަމުން އައީ ކޮވިޝީލްޑް އަދި ކޮވެކްސިން އެކަނި ކަމުގައި ވިޔަސް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ރަޝިއާގެ ސްޕަޓްނިކް ވެކްސިން ދޭން ފެށޭވަރު ވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

މި ދަނޑިވަޅުގައި އެގައުމުގެ ވެކްސިން އުފައްދާ އެއް ކުންފުނި ކަމަށް ވާ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން ވަނީ އެ ކުންފުނިން އުފައްދާ ކޮވިޝީލްޑް ވެކްސިންގެ އެއްޑޯޒްގެ އަގު 400 ރުޕީސް އިން 300 ރުޕީސް އަށް ދަށްކޮށްފަ އެވެ.

އިންޑިއާގެ ހޮސްޕިޓަލުތަކުން އޮކްސިޖަން ހުސްވާން ކައިރިވެފައި ވާއިރު ގިނަ ގައުމުތަކަކުން ވަނީ އެ ގައުމަށް އެހީތަކެއް ހުށައަޅާފަ އެވެ. އަދި ހަމަ އެހެންމެ އެގައުމުގެ ޕީއެމް ކެއާ ފަންޑުން އެއްލައްކަ އޮކްސިޖަން ކޮންސަންޓްރޭޓާސް ހަމަޖެއްސުމުގެ އިންތިޒާމް ކުރެވެމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވެ ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ވަނީ 360،960 މީހުން ޕޮޒިޓިވްވެ 3293 މީހުން އެ ބަލީގައި މަރުވެފަ އެވެ. މިއީ މިހާތަނަށް އައި އިރު ފެނުނު ރެކޯޑު މިންވެރެކެވެ.