ފާއިތުވި ހަފްތާގައި މާލެ ސަރަހައްދުގައި 41 އެކްސިޑެންޓު ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެކްސިޑެންޓްތައް ހިނގާފައިވަނީ މާލެ އާއި ސިނަމާލެ ބްރިޖް އަދި ހައިވޭގައި ކަމަށް ފުލުހުން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.

އޭގެ ތެރެއިން 36 އެކްސިޑެންޓް ހިނގާފައިވަނީ މާލެ ތެރޭގަ އެވެ.

މި މަހުގެ 15 އިން 21 އަށް ހިނގާފައިވާ އެކްސިޑެންޓުތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، އެއް ދުވަހު އެންމެ ގިނަ އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އެދުވަހު އެކަނިވެސް 11 އެކްސިޑެންޓް ހިނގާފައި ވެއެވެ. ދެން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ 15 ފެބްރުއަރީގަ އެވެ. އެދުވަހު 8 އެކްސިޑެންޓް ރިޕޯޓްކޮށްފައި ވެއެވެ.

އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ދެ ސައިކަލް ޖެހިގެން ހިނގާފައިވާ އެކްސިޑެންޓު ކަމަށް ފުލުހުން ބުންޏެވެ. އޭގެތެރެއިން 8 އެކްސިޑެންޓު ދެ ސައިކަލް ޖެހިގެން ހިނގާފައިވާއިރު، 9 އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލާއި ކާރު ޖެހިގެނެވެ.

މި 41 އެކްސިޑެންޓު ތެރެއިން 38 އެކްސިޑެންޓުގައި މީހުނަށް މާ ބޮޑު އަނިޔާއެއް ލިބިފައިނުވާއިރު، 3 އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާ ލިބުނު ކަމަށްވެސް ފުލުހުން ބުންޏެވެ.

މިއާއެކު ފުލުހުން ވަނީ މަގުމަތީގެ ރައްކާތެރިކަމަށާއި ޓްރެފިކް ގަވައިދުތަކަށް ބަލައިގެން ދުއްވުމަށް އިލްތިމާސްކޮށްފަ އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މުޅި ރާއްޖޭގައި މި އަހަރުގެ މިހާތަނަށް 519 އެކްސިޑެންޓް ރިޕޯޓުކޮށްފައި ވެއެވެ.