ދެ އިންތިހާބު އެއްކޮށްލުމަށް މިއަންނަ ކައުންސިލް އިންތިހާބާއެކުގައި ނަގާ ރެފަރެންޑަމް ވޯޓާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމްޑީޕީ ގައުމީ މަޖިލީހުން ފާސްކޮށްފައި ވަނިކޮށް، އަންނަ މާޗު މަހުގެ 21 ގައި މި ސަރުކާރާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީގެ ހިންގާ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކުރައްވާ، އެމްޑީޕީގެ ތަރުޖަމާނު ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ އަންނަ މާޗު މަހުގެ 21 ވާ ހޮނިހިރު ދުވަހު ރާއްޖޭގެ މިހާރުގެ ވެރިކަމާ ދެކޮޅަށް އަދި ދިވެހި ރައްޔިތުންގެ މިނިވަންކަން އަލުން ހޯދުމަށްޓަކައި ބޮޑު އެއްވުމެއް ނުވަތަ މުޒާހަރާއެއް ބޭއްވުމަށް ޕާޓީގެ ލީޑަޝިޕުންނާއި ހިންގާ ކޮމިޓީން މިހާރު ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން، މި ހަރަކާތަކީ މި ގައުމުގައި މިހާރު މިއޮތް ހުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވާއިރު، ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި އިސްލާހަށް މަސައްކަތްކުރާ އެންމެހާ ފަރާތްތަކުގެ އިތުރުން އެމްޑީޕީގެ ހުރިހާ މެންބަރުން މި ހަރަކާތުގައި ބައިވެރިވުމަށް އެމްޑީޕީން ވަރަށް ބޮޑަށް އެދޭ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
"ހާއްސަ ގޮތެއްގައި މުޅިރާއްޖެއަށް ބަހާލެވިގެން ހިންގޭ ހާއްސަ ކެމްޕޭން ހަރަކާތްތަކާއި، މި އަންނަ މާޗު މަހުގެ 21 ވާ ހޮނިހިރު ދުވަހު އަޅުގަނޑުމެން އަނެއްކާ ވެސް މި ހުދުމުހުތާރު ވެރިކަމުން މި ރާއްޖެ ސަލާމަތްކޮށް ދިވެހިންގެ މިނިވަންކަން އަލުން ދިވެހިންނަށް ހޯދުމަށްޓަކައި ބޮޑު އެއްވުމެއް ނުވަތަ މުޒާހަރާއެއް ކުރުމަށް މިވަނީ މި ކޮމެޓީއާ އަދި ޕާޓީގެ ލީޑަޝިޕުން ނިންމާފައި. އެހެންކަމުން މި ފުރުސަތުގައި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން އަދި އިސްލާހަށް މަސައްކަތްކުރައްވާ އެންމެހާ ބޭފުޅުން ނުކުންނެވުމަށް ގޮވާލަން." މައުރޫފް ޒާކިރް ވިދާޅުވި އެވެ.
މި މުޒާހަރާއަކީ ގައުމުގެ ހާލަތު ބަދަލުކުރުމަށްޓަކައި ރައްޔިތުން އަޑު އުފުލުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ވިދާޅުވެ މައުރޫފް ވިދާޅުވީ، މި އެއްވުން ބާއްވާނެ ސަރަހައްދަކާއި، ވަގުތު، އަދިވެސް އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުން ގެންދާނެ ކަމަށެވެ.
ސަރުކާރާ ދެކޮޅަށް މިފަދަ ބޮޑު މުޒާހަރާއެއް އެމްޑީޕީން ބާއްވަން ނިންމާފައި ވާއިރު، އެމްޑީޕީން މިދިޔަ އަހަރު މަޑުޖައްސާލި ނޮވެމްބަރު 17 އެއްވުން ނުވަތަ އެފަދަ ބޮޑު އެއްވުމެއް މިއަހަރު ބޮޑުކޮށް ބާއްވާނެ ކަމަށް އެ ޕާޓީން ކުރިން ވަނީ އިއުލާންކޮށްފައި ކަން ފާހަގަކޮށްލެވެ އެވެ.
މި ސަރުކާރު ވެރިކަމަށް އައިފަހުން ރާއްޖޭގެ އެންމެބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ވަނީ ސަރުކާރު ޖަވާބުދާރީކޮށް ސަރުކާރު ހަމަ މަގަށް އެޅުވުމަށްޓަކައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް އަދި އެއްވުންތަކެއް ވެސް ބާއްވާފަ އެވެ.
އެގޮތުން މިދިޔަ 2025 ވަނަ އަހަރުގެ ޖެނަވަރީ މަހުގެ 31 ވަނަ ދުވަހު "ފުދިއްޖެ-ފުނޑިއްޖެ" މިނަމުގައި މާލޭގެ ބޮޑެތި މަގުތަކުގައި، ބޮޑު ހިނގާލުމެއް މި ސަރުކާރާ ދެކޮޅަށް އެމްޑީޕީން ބޭއްވި އެވެ.

ފާޑުކިޔުން އަމާޒުވުމުން އެމްއޭސީއެލްގެ ރޯދަ އޯޓީ ބަދަލުކޮށްފި
އިންޑިއާގައި އެއާ އެމްބިއުލާންސެއް ވެއްޓި އެންމެން މަރުވެއްޖެ
ޓިކްޓޮކްގައި އިސްލާމްދީނަށް ފުރައްސާރަކުރާ މީހަކު ފުލުހަށް