އޭނާ ވަރަށް ޅައިރު މީހުން ލޭތު (މެޝިން) ބޭނުން ކޮށްގެން ހަނު ދަނޑި ލިޔާތީ ފެނިފައިވެ އެވެ. ހަނު ދަނޑިއަކީ ވަޅި ތޫނުކުރާ ހަނުގެ ދަނޑި އެވެ. ލޭތުގެ އެއްފަރާތުގައި އެކަކު ކަށި ޖައްސައިގެން އިންނައިރު އަނެއް ފަރާތުން ދެވަނަ މީހަކު ވަލެއްގައި ހިފައިގެން ދަމަ އެވެ. މި މަންޒަރު ފޫހިކަމެއް ނެތި ބަލަން އޭނާއަށް ހުރެވެ އެވެ. ކޮންމެ ވެސް ދުވަހަކުން ލޭތު މެޝިނަކުން ރީތި އެއްޗެހި ހެދުމަކީ އޭނާ ދެކުނު ހުވަފެނެކެވެ.
ށ. މިލަންދޫ އަށް އުފަން، މުހައްމަދު ނަސީމް ( ނަސީމް) އަކީ އަތްތެރި މަސައްކަތުގެ ދުނިޔޭގައި ގުނާލެވޭ މޮޅު މީހެކެވެ. ގަހުގެ ލަކުޑިއާއި ރުކުގެ ފަން، އަދި އިލޮށި ބޭނުން ކޮށްގެން މީހުން ހައިރާންވާ ފަދަ ރީތި އެއްޗެހި އުފެއްދުމަށް އޭނާ ވަރަށް ކުޅަދާނަ އެވެ. އެ ހުނަރު އޭނާއަށް ލިބުނު ގޮތް ބުނެދޭން ނޭގުނު ނަމަވެސް އޭނާގެ ބައްޕަ ފަރާތު ކާފައަކީ އެ މަސައްކަތް ކޮންމެ ވެސް ވަރަކަށް ކުރި މީހެއް ކަމަށް އޭނާއަށް އެނގިފައިވެ އެވެ. އެ މަސައްކަތަށް ޝައުގުވެރިވި ނަމަވެސް މަސައްކަތް ކުރާ އުމުރަށް އެޅުނުއިރު އެކަން ކުރެވޭނެ ތަނަކާއި ހާލަތެއް ނެތެވެ. އޭނާއަށް ޖެހުނީ އެފަދަ ފުރުސަތަކަށް މަޑުކޮށްލައިގެން ހުރުމެވެ.
އޭނާގެ ފުރަތަމަ ވަޒީފާއަކަށް ވީ ރިސޯޓް އިމާރާތް ކުރުމުގެ މަސައްކަތެވެ. އެމަސައްކަތް ކުރީ ރިސޯޓް ހެދުމުގެ ނުވަތަ ކޮންޓްރެކްޓް މަސައްކަތް ކުރާ ގްރޫޕަކާ ގުޅިގެންނެވެ. އެ މަސައްކަތުގައި ދުވަސްކޮޅަކު އުޅުމަށްފަހު، ށ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ "ޖޭ ޑަބްލިއު މެރިއޮޓް" ރިސޯޓުގައި ގަސްހެއްދުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އެ ރިސޯޓަށް ބަދަލުވި އެވެ. އެ ރިސޯޓުގައި ވަޒީފާ އަދާކުރުމަށް އައިއިރު އަތްތެރި މަސައްކަތް ދަންނަ މީހެއް ކަމެއް އެ ރިސޯޓު މުވައްޒިފުންނަކަށް ކުޑަކޮށް ވެސް އެނގިފައެއް ނުވެ އެވެ.
"މި ރިސޯޓުގައި އުޅެނިކޮށް އެއް ދުވަހަކު ފެނުނީ ކުޑަ ލޭތު މެޝިނަކުން ގެސްޓް ރޫމްތަކުގެ ގޮބު ލިޔަނިކޮށް. ދެން ހިތަށް އެރީ އެއަށް ވުރެ ބޮޑެތި އެއްޗެހި ބޮޑު މެޝިނަކުން ހެދިދާނެއޭ. އެހެން ހިތައް އަރައި ބައިސްކަލެއްގެ ފަހަތު ފުރޮޅު ނަގައިގެން އަމިއްލައަށް މެޝިނެއް ހެދީ. އެ މެޝިނުން ފުރަތަމަ ހެދި ގޮބު އެހާ ރީއްޗެއް ނޫން،" ނަސީމް ކިޔައިދިނެވެ.
ނަސީމު ބޭނުންވީ އެ މަސައްކަތް ކާމިޔާބު ކުރުމަށެވެ. އެއްގޮތް ނެތިއްޔާ އަނެއް ގޮތުންނެވެ. ދެން އޭނާ އެ ރިސޯޓުގެ ވޯކްޝޮޕްގައި އުޅޭ މުވައްޒަފެއްގެ އެހީގައި ބާވެގެން އެއްލާލައިފައި އޮތް "ބަގީ"އެއްގެ ފަހަތު ފުރޮޅު ނަގައިގެން އެކި ގޮތްގޮތުން ވެލްޑިން ކޮށްގެން ދެވަނަ ފަހަރަށް ލޭތު މެޝިނެއް ހެދި އެވެ. މިފަހަރު ވަރަށް ކާމިޔާބެވެ. އެ މެޝިނުގައި ލަކުޑި ގަނޑެއް ހަރުކޮށްގެން މަލާފަތާއި، ބެރު ފަދަ އެއްޗެހި ހެދުނެވެ. އޭނާގެ މި މަސައްކަތް ރިސޯޓުގެ ވެރިންނަށާއި މުއައްޒަފުންނަށް ފެނި ވަރަށް ތަރުހީބު ދިންކަން ނަސީމު ވަރަށް އުފަލާއެކު ފާހަގަކުރި އެވެ.
ޖޭ ޑަބްލިއު މެރިއޮޓް ރިސޯޓުގައި 4 ވަރަކަށް އަހަރު ވެފައިވާ ނަސީމު މިހާރު ކުރާ މައިގަނޑު މަސައްކަތަކީ ލަކުޑިންނާއި އިލޮށި އަދި ފަން ބޭނުންކޮށްގެން ތަފާތު އެއްޗެހި ހެދުމެވެ. އެންމެ 30 މިނެޓުގެ މަސައްކަތުން އެހަދާ އެއްޗެއް މުޅިން ނިންމާ ހަވާލުކޮށްލުމުގެ ގާބިލްކަން އޭނާގެ ކިބައިގައި މިއަދު ވެ އެވެ. އާންމުކޮށް އޭނާ ލިޔާ ތަކެއްޗަކީ ޓުކުރި، ގުޅި، މަލާފަތް، މަތިޖެހި އާފަލު، އަނގޮއްޓި ލާ ދަޅެވެ. އެ ރިސޯޓުގެ ކޮޓަރިތަކުގަ އާއި ކައުންޓަރުތަކުގައި އޭނާ އިލޮއްޓާއި ފަނުން ހަދައިދީފައި ހުންނަ ޓްރޭ، ވަށި، ދޫނި ފަދަ އެއްޗިހި ބަހައްޓާފައި ހުރެ އެވެ. ބީޗް ކުޑަތަކުގެ ގޮބު ހަލާކު ވެއްޖެނަމަ ވަގުތުން ލިއެ އާކޮށްލުމަކީ ނަސީމްއަށް ދާދި ފަސޭހަ ކަމެކެވެ.
"ވަރަށް މަސައްކަތް ލިބޭ މި ރިސޯޓުން އެކަނި ވެސް. މިސާލަކަށް ރިސޯޓުގެ އޯޑާސް އެބަ ލިބޭ ވަކި ދުވަހެއްގެ ވަކި ގަޑިއަކަށް އެއްޗެހި ނިންމަން ބުނެފައި. މިސާލަކަށް ކުއްލިއަކަށް މުއައްޒިފަކު އަންގާލަފާނެ ވަކި ގަޑިއަކަށް ފްލާވާ ބޮކޭއެއް ހަދަން އެއީ އެމީހުން ގެސްޓުންނަށް ދިނުމަށް. އޭގެ އިތުރުން އަޅުގަނޑުގެ ރަށުން ވެސް އޯޑާ ލިބޭ. ކައިވެންޏަށް ބޭނުން ކުރަން އަނގޮއްޓިލާ ދަޅު ނުވަތަ އާފަލު ފަދަ އެއްޗެހި ހަދަން ބުނޭ،" މުސްތަގުބަލުގައި ރަށުގައި ލަކުޑިން އެއްޗެހި ހަދައިގެން ވިޔަފާރި ކުރަން ވިސްނަމުންދާ ނަސީމު ކިޔައިދިނެވެ.
މަސައްކަތުގައި ހުރި އެންމެ އުނދަގޫ ކަމެއް ކަމަށް އޭނާ ފާހަގަ ކުރީ ބޭނުންވާ ވައްތަރުގެ ލަކުޑި ނުލިބުމުގެ މައްސަލަ އެވެ. އެއީ ރިސޯޓުގައި އެއްވެސް ވަރަކަށް ގަސްކެނޑުން މަނާވެފައި ވީތީ އެވެ.
ލަކުޑި ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް އިލޮށިންނާއި، ރުކުގެ ފަން ބޭނުންކޮށްގެން އުފައްދަން ޖެހޭ އެއްޗެހި ލިބޭ ކަމަށް އޭނާ ބުންޏެވެ. މަސައްކަތުގަައި ދަތިވާ ދެވަނަ ކަމަކަށް އޭނާ ފާހަގަ ކުރަނީ އޭނާ އުފައްދާ ތަކެތި ގެސްޓުންގެ އަތުގައި ޔޫރަޕަށް ގެންދެވޭއިރު އެންމެ ކުޑަމިނުން އެއީ ރާއްޖޭގެ އުފެއްދުމެއް ކަން ޖަހާނުލެވޭ ކަމެވެ.
"މިތަނުގެ ވެރިން އަންގައިގެން "ދިވެހި ރާއްޖެ" ނުވަތަ "މޯލްޑިވްސް" ޖެހޭނެ ކަމަށް ބަލައިގެން އެއްފަހަރަކު 50،000 ރުފިޔާއަށް ވިއްކާ ލޭޒާ މެޝިނެއް ގެނުވިން. ޔޫރަޕުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ބޭނުމުގައި. އެހެން ނަމަވެސް އެ މެޝެނުވީ ފްލެޓް އެއްޗެހީގައި ނަންޖަހާ މެޝިނަކަށް. މިހާރު ބަލަމުން މިދަނީ ރަނގަޅު މެޝިނެއް ފެނޭތޯ. އަދި އެކަމެެއް ނުވޭ،" ނަސީމް ބުންޏެވެ.
މިއަދު ނަސީމް އެކުރަނީ އޭނާ އެންމެ ކުރާހިތްވާ މަސައްކަތެވެ. މަސައްކަތް ކުރަނީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ރިސޯޓުގެ ވެރިން ކަމަށްވާ ރިލްވާނު ސައީދު އަދި ހަމްދު ރަޝީދު ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް އޭނާ ޝުކުރު އަދާކުރެ އެވެ. އަދި މުވައްޒަފުންގެ ފަރާތުން ލިބޭ ގާތްކަން ވެސް އޭނާ އުފަލާއެކީ ފާހަގަ ކުރެ އެވެ. ލޭތު މެޝިނުން ރީތި އެއްޗެހި ހެދުމަށް އޭނާ ދެކުނު ހުވަފެން މިއަދު މިވަނީ ހަގީގަތަކަށް ވެފަ އެވެ.

ދައުވާ ކޮށްގެން ކެމްޕޭނު ހަރަކާތް ނުހުއްޓުވޭނެ: މައުރޫފު
މެލޭޝިއާގައި ޓީބީ ފެތުރޭތީ ރާއްޖޭގައި ރިިސްކް އެސެސްމަންޓު ހަދަނީ
މޮރިޝަސްއިން ގުޅުން ކަނޑާލުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު