އެމެރިކާއާއި އިޒްރޭލު ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގައި އީރާނަށް ހަމަލާދީފި އެވެ.
އިޒްރޭލުން އީރާނުގެ ވެރިރަށް ތެހެރާނަށް މިސައިލް ހަމަލާދީފައިވާ ކަން އިޒްރޭލް ޑިފެންސް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެމެރިކާއިން މި ހަމަލާގައި ބައިވެރިވާކަމަށް އެ ގައުމުގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައި ވެއެވެ.
ހަމަލާއާ ގުޅޭ އިތުރު ތަފްސީލު އިޒްރޭލުން ދީފައި ނުވާއިރު، އެގައުމުގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އީރާނުން ހަމަލާ ދީފާނެ ކަމަށް ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.
އީރާނުގެ ރަސްމީ މީޑިއާއިން ބުނީ ތެހެރާނުގެ އެކި ސަރަހައްދުތަކުން ގޮވުން ތަކުގެ އަޑު އިވެމުން ދާކަމަށެވެ. އީރާނުގެ ސްޕްރީމް ލީޑަރު އާޔަތުﷲ ހާމްނާއީގެ އޮފީސް ހުންނަ ސަރަހައްދުންވެސް ގޮވުންތަކުގެ އަޑު އިވުނުކަމަށް އޭއެފްޕީން ވަނީ ރިޕޯޓުކޮށްފަ އެވެ.
ހަމަލާތަކާއި ގުޅިގެން އީރާނުގެ ވައިގެ ސަރަހައްދު ބަންދުކުރިކަން އެ ގައުމުން ވަނީ އިއުލާންކޮށްފަ އެވެ. އަދި އެ ގައުމުގެ ބައެއް ސަރަހައްދުތަކުގެ މުވާސަލާތީ ހިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
އިޒްރޭލުން މި ހަމަލާތައް ދީފައިވަނީ، އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށާއި ހަނގުރާމައަކަށް ދިޔަނުދީ ސަލާމަތްވުމަށްޓަކައި އެމެރިކާ އާއި އީރާނުގެ އޮފިޝަލުންގެ މެދުގައި ސިޔާސީ ގޮތުން މަޝްވަރާތަކެއް ކުރިއަށްދަނިކޮށެވެ. އަދި އަންނަ ހަފުތާގައިވެސް މި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަޝްވަރާތަކުގައި އީރާނުން ބައެއް ކަންކަމުގައި ދޫދީފައިވީ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވީ މަޝްވަރާތައް ކުރިއަށްދާ ގޮތާ މެދު އޭނާ އެހާ ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. މީގެ ކުރިން ޓްރަމްޕް ވަނީ، އެއްބަސްވުމެއް ގަބޫލުކުރުމަށް އީރާނުގެ ވެރިންނަށް ބާރު އެޅުމުގެ ގޮތުން އެ ގައުމަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ.
މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރު އެންމެ ބޮޑަށް ވަރުގަދަކުރުމަށް ޓްރަމްޕް މިހާރު ވަނީ އަމުރުކުރައްވާފަ އެވެ. ނަމަވެސް، މި ވަގުތު އަސްކަރީ ފިޔަވަޅެއް އަޅަން ޖެހޭ ސަބަބާ ބެހޭ ގޮތުން އޭނާ އެކަށީގެންވާ ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ. އަދި ހަމަލާއެއް ދީފި ނަމަ، ބާރުގެ ބޭނުންކޮށްގެން ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުން ވެސް ވަނީ ބުނެފަ އެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނީ، މި "ކުރިއާލާ ދިން ހަމަލާ" އަކީ އިޒްރޭލަށް އޮތް ނުރައްކާތައް ނައްތާލުމަށް ދިން ހަމަލާއެއް ކަމަށެވެ. މިދިޔަ ޖޫން މަހު އިޒްރޭލުން އީރާނަށް ދިން ހަމަލާއާ ގުޅިގެން 12 ދުވަހުގެ ހަނގުރާމައެއް ހިނގާފައި ވެއެވެ. އެ ހަނގުރާމައިގައި ފަހުން އެމެރިކާވެސް އިޒްރޭލާ ބައިވެރިވެ، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފައި ވެއެވެ.
އީރާނުގެ ބެލިސްޓިކް މިސައިލް މަޝްރޫޢު ހަނިކުރުމަށާއި، ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް (ޣައްޒާގެ ހަމާސް، ލުބުނާނުގެ ހިޒްބުالله، އަދި ޔަމަނުގެ ހޫޘީން) ދޭ އެހީތެރިކަން ހުއްޓާލުމަށް ކުރި ޝަރުތުތަކަށް އީރާނުން ވަނީ އިންކާރުކޮށްފަ އެވެ. އީރާނުން ބުނާ ގޮތުގައި އެއީ އެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމެކެވެ.

މޮރިޝަސްއިން ގުޅުން ކަނޑާލުމަކީ ކަންބޮޑުވާ ކަމެއް: ނަޝީދު
ރޮނާލްޑޯ ސްޕެނިޝް ކްލަބް އަލްމެއިރާގެ ހިއްސާ ގަނެފި
މެލޭޝިއާގައި ޓީބީ ފެތުރޭތީ ރާއްޖޭގައި ރިިސްކް އެސެސްމަންޓު ހަދަނީ