ކޮވިޑް-19 ޕެންޑަމިކްގެ ސަބަބުން ފޭސްބުކްގެ އާމްދަނީ އާއި ފައިދާ ފާއިތުވި ކުއާޓާ ގައި އިތުރުވެއްޖެ އެވެ.
ނަމަވެސް އެޕަލްގެ އާ ޕްރައިވަސީ ޕޮލިސީސް އާއެކު އަންނަ ކުއާޓާގައި އާމްދަނީ އަދި ފައިދާ ބޮޑުތަނުން ވެއްޓޭނެ ކަމަށް އޮފިޝަލުން ލަފާ ކުރެ އެވެ.
ޕެންޑަމިކްގެ ތެރޭގައި އޮންލައިން ޝޮޕިން އިތުރުވުމާއި އިސްތިހާރުތަކުގެ އަގުތައް މަތި ކުރުމާ ގުޅިގެން ފޭސްބުކްގެ އާމްދަނީ 48 އިންސައްތަ އިތުރު ވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް އީ ކޮމާސްގެ އާ ފީޗާސްތައް އިތުރުކޮށް ހިދުމަތްތައް ރަނގަޅު ކުރަން އެކުންފުނިން މަސައްކަތް ކުރާނެ ކަމަށް ޗީފް އެގްޒެކެޓިވް މާކް ޒަކަބާގް ވަނީ ވިދާޅުވެފަ އެވެ.
މާޗް 31 ވަނަ ދުވަހު ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާގައި 26.17 ބިލިއަން ގެ އާމްދަނީ އެއް އެކުންފުންޏަށް ލިބުނު އިރު އެއީ އަންދާޒާ ކުރެވުނު ވަރަށްވުރެ އިތުރު އަދަދެކެވެ.
ޑިޖިޓަލް އެޑްވަޓައިޒިންގްގެ ދާއިރާ ތަރައްގީވަމުން އަންނަ ދަނޑިވަޅެއްގައި ފޭސްބުކުން ވަނީ ފުރިހަމަ ކުރިއެރުމެއް ދައްކާފައި ކަމަށް އެނަލިސްޓުން ދަނީ ބުނަމުންނެވެ.
އެޕަލް އައިފޯންގެ ޕްރައިވަސީ އަށް ގެންނަ ބަދަލުތަކާއެކު ދެވަނަ ކުއާޓާގެ އާމްދަނީއަށް އަސަރު ކުރިކަމުގައި ވިޔަސް ތިންވަނަ އަދި ހަތަރުވަނަ ކުއާޓާގައި އާމްދަނީ ރަނގަޅުވާން ފަށާނެ ކަމަށް ފޭސްބުކް އިން ވަނީ ބުނެފަ އެވެ.
އައިފޯންގެ ޕްރައިވަސީއަށް ގެންނަ ބަދަލުގެ ސަބަބުން ފޭސްބުކް އިސްތިހާރުތަކަށް މީހުންގެ މައުލޫމާތު ހޯދުމަށް އެމީހަކު ހުއްދަ ދޭން ޖެހެ އެވެ.
ފޭސްބުކް އިން ވަނީ ލައިވް އޯޑިއޯ ރޫމްތައް ފަދަ އިތުރު ފީޗާތައް ތައާރަފް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް މި މަހު ކުރީކޮޅު އެ ކުންފުނިން ވަނީ އިއުލާން ކޮށްފަ އެވެ.